March 1, 2026
Advertisement
.
. / ވެމްކޯ

މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާ ކަމަށް ވެމްކޯއިން އެއްބަސްވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Jan 14, 2026, 07:44 PM

މުވައްޒަފުންގެ މުސާރައިން ކަނޑާ ޕެންޝަން ފައިސާ މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާނުކުރާ ކަމަށް ވެމްކޯއިން އެއްބަސްވެއްޖެއެވެ.

Advertisement

ވެމްކޯއިން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެކަން ނުވަނީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާތައް ނުލިބޭތީ ކަމަށެވެ. ފައިސާ ނުލިބޭ ގިނަ ތަންތަން އެބަހުރި ކަމަށް އެ ކުންފުނިން ބުނިނަމަވެސް ހަމައެކަނި ހާމަކުރީ އެންމެ ތަނެއްގެ މައުލޫމާތެވެ. އެއީ މާލޭ ސިޓީ ކައުންސިލެވެ.

މާލޭ ސިޓީ ކައުންސިލުން އެ ކުންފުންޏަށް ދޭންޖެހޭ 98 މިލިއަން ރުފިޔާ އެބަހުރި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ފައިސާ ނުލިބޭކަމުގެ ބަހަނާ ދައްކަމުންދާއިރު، ވެމްކޯއިން ވަނީ ފާއިތުވި ދުވަސްތަކުގައި ބޭނުންވާ އަދަދަށްވުރެ ގިނައިން މުވައްޒަފުން ނަގާފަ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ވެސް އަންނަނީ އިތުރު ބަޔަކަށް ވަޒީފާތައް ދެމުންނެވެ.

ވެމްކޯއިން ބުނީ ލިބެންޖެހޭ ފައިސާ ހޯދުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލުން ލިބެންޖެހޭ ފައިސާ ހޯދުމުގައި ފިނޭންސް މިނިސްޓްރީގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެއިތުރުން ޕެންޝަން ފައިސާ ދެއްކުމުގެ މައްސަލާގައި ޕެންޝަން އޮފީހާ އެކު ވެސް ވެމްކޯއިން މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މިކަންކަން ހައްލުކޮށް ޕެންޝަން ފައިސާ ގަވާއިދުން ޖަމާކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved