
ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޖެކްޓުކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސިޔާސީ ބޮޑު ހަރަކާތްކަމަށްވާ، "ރީސެޓު" ހަރަކާތުގައި ބައިވެރިވުމަށް ޕީއެންއެފްގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެގައި ޑރ. ޖަމީލު ވިދާޅުވީ، މުއިއްޒު އަންނަނީ ދުސްތޫރީ ޗެކް އެންޑް ބެލެންސްތައް ޕެރެލައިޒްކޮށް، ބާރުގެ ލާމަރުކަޒީ ނިޒާމު ރޫޅާލައި، އަތޮޅު ކައުންސިލްތަކާ ހަވާލުވާން ފަށާފައިކަމަށެވެ.
ޑރ. ޖަމީލު ވިދާޅުވީ،މިއީ ދޮގުތަކާއި ކޮރަޕްޝަންގެ މައްޗަށް ބިނާވެފައިވާ، ފަރުބަދައެއް ނެތް ސަރުކާރެއް ކަމަށެވެ. އަދި މި ސަރުކާރު ރީސެޓް ކުރަންވީ ވަގުތު ޖެހިއްޖެ ކަމަށް ވިދާޅުވެ ޑރ. ޖަމީލު ވަނީ، މިމަހުގެ 17 ވަނަ ދުވަހު ބާއްވާ ޕީއެންއެފްގެ "ރީސެޓު ޖަލްސާގައި ބައިވެރިވުމަށް ރައްޔިތުންނަށް ގޮވާލައްވާފައިއެވެ.
ރައީސް ޔާމީންގެ ޕާޓީއިން މިފަދަ އިވެންޓެއް ބާއްވަން ނިންމާ ތައްޔާރީތައް ވަމުންދާއިރު އެ ޕާޓީއަކީ މިވަގުތު އޮތް ސަރުކާރު ޒިންމާދާރު ކުރުވަން އެންމެ ބުރަ މަސައްކަތްކުރަމުންދާ ޕާޓީކަން ފާހަގަކުރެވެއެވެ.
ދާދި ފަހުންވެސް ޕީއެންއެފުން ވަނީ "ވޭކް އަޕް"ގެ ނަމުގައި ބޮޑު ހަރަކާތެއް ބާއްވާފައެވެ. ޕީއެންއެފްއަކީ ސަރުކާރުން ކުރަމުންދާ ދޯހަޅި ކަންކަން ފާހަގަކޮށް ކޮންމެ ހަފްތާއަކު ދެ ޖަލްސާ ބާއްވާ އެކަންކަން ރަގަޅުކޮށް ސަރުކާރު ޖަވާބުދާރީ ކުރުވާ ޕާޓީއެއްކަން ވެސް ފާހަގަކޮށްލެވެއެވެ.









