March 25, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / އަވަސް.އެމްވީ

މަސްވެރިކަމުގެ ދާއިރާއަށް މިހާރު ވެފައިވާ ބޮޑު އިހުމާލު ފިލުވައިދޭނަން: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 15, 2025, 11:58 PM
މާލެ ސިޓީ

މަސްވެރިކަމުގެ ދާއިރާއަށް މިހާރު ވެފައިވާ ބޮޑު އިހުމާލު ފިލުވައިދޭނެ ކަމަށާއި، މަސްވެރިންނަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި، މަސްވެރިކަމުގެ ސިނާއަތުގައި އެންމެ ބޮޑު ހިއްސާދާރަކަށް ވާންވާނީ ސަރުކާރު ކަމުގައި ފާހަގަކުރެއްވާ ވިދާޅުވީ، މަސްވެރިކަމަކީ ދިވެހިން އަމިއްލައަށް އުފައްދާ އެއްޗެއް ކަމަށްވާއިރު، އެއީ ރާއްޖޭގެ އެންމެ ވަރުގަދަ ސިނާއަތް ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމުގެ މެނިފެސްޓޯގައިވެސް އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދީފައިވަނީ މަސްވެރިންގެ ތަރައްޤީއާއި ކުރިމަގަށް ކަމަށާއި އަދި، ކުރިއަށް އޮތްތަނުގައި ވެސް އެމަނިކުފާނުގެ މެނިފެސްޓޯގައި މަސްވެރިންނަށް އެ އަހައްމިއްޔަތުކަން ދެމެހެއްޓޭނެ ކަމުގެ އިޝާރާތް އެމަނިކުފާނު ދެއްވިއެވެ.

އަޅުގަނޑުމެންގެ މީގެ ކުރިންވެސް މެނިފެސްޓޯގައިވެސް މަސްވެރިންގެ ތަރައްގީއާއި ކުރިމަގަށް ބޮޑު އިސްކަމެއް ދީފައިވާނެ. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން މެނިފެސްޓޯ ހަދާނަން. އޭގައިވެސް މަސްވެރިންނަށް ހަމަ އެ އަހައްމިއްޔަތުކަން އަޅުގަނޑު ދޭނަން. ޔަގީނުންވެސް މަސްވެރިންނަށް މިހާރު ވެފައިވާ އިހުމާލު ފިލުވާދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، މަސްވެރިކަމުގެ ދާއިރާއަށް ސަރުކާރުން އިންވެސްޓްކޮށްގެން މިހާރު ހުރި ދަތިތައް ފިލުވާ، މިފްކޯއަކީ ސަރުކާރު ކުންފުންޏަކަށް ވާއިރު، މިފްކޯގެ ތެރެއިން މަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމަށް އެމަނިކުފާނު އަމާޒުކުރައްވައެވެ.

ބޭރުގެ އިންވެސްޓަރުންނަށް މި ފަދަ މުހިންމު ފުރުސަތު ދިވެހިންގެ އަތުން ދޫކޮށްލާ ދިނުމަކީ އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ބޭރުގެ ފަރާތްތަކުން ވަކި ހިސާބަކުން ހުއްޓާލައިފިނަމަ، އަނެއްކާ ވެސް ސަރުކާރުން އެ މަސައްކަތް އަލުން ބަލުން ކޮޅަށް ނަގަން ކުރަންޖެހޭ މަސައްކަތް މާ ބޮޑުވާނެ ކަމަށްވެސް ރައީސް ޔާމީނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މަސްވެރިކަމަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅިފައިވާ ކަމެއް ކަމަށާއި އަދި، ދިވެހިންނާއި ގުޅިފައިވާ މި ފަދަ ކަމެއް ބޭރުގެ އިންވެސްޓަރުންނަށް ދޫކޮށްފިނަމަ އެ ސިނާއަތް ފުނޑިގެންދާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ. އެހެންކަމުން، އެމަނިކުފާނުގެ ވެރިކަމެއްގައި މިހާރު މަސްވެރިންނާއި މެދު ވެފައިވާ އިހުމާލު ރަނގަޅުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން ވަނީ މަސްވެރިންނަށް ދެއްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved