ރަށް ރަށުން އިވެނީ ކަމެއް ނުވާވާހަކައެވެ. ކައުންސިލަރުން ބުނަނީ ދަންނަވައިފިން، ދަންނަވައިގެން މިއުޅެނީ މިހެންނެވެ. ކަންކަން ވަނީ ރައީސުލް ޖުމްހޫރިއްޔާ ބޭނުންވީމައެވެ. ބަޖެޓަކުން އެއްވެސް އެއްޗެއް ނޭގެއެވެ.
މަޖިލިސް މެމްބަރުންނަކީވެސް މިއަދު މައިބަދައިގައި ވަރެއް ހުރިބައެއް ނޫނެވެ. އެމީހުންނަށްވެސް ވަނީ ދިމްޔާތު ކުންފުނިން ކޮށްދިން ވަރެކެވެ. ރައީސް ނުރުހިއްޖެއްޔާ ކޮންމެވެސް ދަތްދޮޅި ރާޖާއަކަށް އަމުރުކޮށް މަސް ދުވަހަށް، ދެމަހަށް، ހަމަހަށް ސަސްޕެންޑު ކުރާނީއެވެ.
ރިޒުގުދެއްވާ ފަރާތްކަމަށް އަމިއްލައަށް ދައުވާ ކުރާކަހަލައެވެ. ބައެއް މީހުން “މުއިއްޒު ރަސްކަލާނގެ”އޭވެސް ކިޔާ އަޑު އިވެއެވެ. މީހަކު ބުންޏެވެ. “މެޑަމް” ވަނަމަކަށް ކިޔާ މީހަކު ބުންޏޯލައެވެ. ރުޅި މަޑުކޮށް ކެތްތެރިވެލާފައި ރައީސަށް ދުއާ ކުރާށެވެ. އޭރުން ރަގަޅު ވެދާނެއެވެ. އެ މީހާ ބުނި ކަމަށް ބުންޏެވެ. އަޅެ އޭނާއަކީ ކަލާނގެ ހެއްޔެވެ. ނޫނީ، އޮތީ އޭނާގެ ކުރިމަތީ ކުޑަކަކޫ މައްޗަށް ތިރިވެ އޭނާ ރުހޭވަރަށް އާދޭސް ދެންނެވުމެވެ.
ސަރުކާރު ނުރުހޭ ކަމަކަށް ވާހަކަ ދެއްކިއަސް އެޖެންޑާ ކުރިއަސް ވޯކް އައުޓު ކުރާން އަދިވެސް ކައުންސިލްތައް ސަރުކާރަށް ބާއެވެ. މި ވޭތުވެ ދިޔަ ދެ އަހަރު ސަރުކާރުގެ ކެނޑިޑޭޓަކަށް ވެގެން ވީ ފައިދާ އެއް ނެތެވެ. ބަޖެޓަށް އެދެވެނީއެއް ނޫނެވެ. ކައުންސިލަރަކަށް ބަހެއް ބުނެވޭނީ މަޖިލިސް މެމްބަރަކަށް ކަމެއް ބަޖެޓު ކުރެވިގެން ތާއެވެ.
ރައްޔިތުންނާއި ސަރުކާރާއި ދައުލަތުން ކަނޑައަޅާފައި އުސޫލްތަކާއި ގުޅުން މުޅީންހެން ކެނޑިއްްޖެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންގެ ވާހަކަ ގާތުން އަޑު އަހަން ކައުންސިލަރުން ތިބެއެވެ. އެމީހުން ވާން ޖެހެނީ ރައްޔިތުންގެ ފަރާތުން ކަމާއި ގުޅުން ހުރި ފަރާތްތަކަށް ބަސް އުފުލާ ބަޔަކަށެވެ. އެ މީހުންގެ ދަރަޖަ 2023 ގައި އުފަންވި ސަރުކާރުގައި އޮތީ ސަލާންޖަހާ ކުއްޖަކަށް ބަދަލު ކޮށްފައެވެ. ސަރުކާރަށް ސަނާ ކިޔުން ހުއްޓާލައިފި ނަމަ ދަތްދޮޅި ބެޔަކު އައިސް ކުރާނީ ސަސްޕެންޑެވެ.
ދެން ތިބީ މަޖިލިސް މެމްބަރުންނެވެ. ގިނައީ ރޯނު އެދުރުންނެވެ. އަމިއްލައަށް ކަރަށް މަޅިއެއް ފައްތާ ވަލުގެ ކޮޅު ވެދުން ކުރި ބައެއްކަމަށް ބުނެވިދާނެއެވެ. ރާއްޖޭގެ ތާރީހު ނުދެކޭ ވަރުގެ ކޮރަޕްޝަން ގެ ތުހުމަތު ތަކެކެވެ. ރައްޔިތުންނާއި ރުހުމުގައި ވާހަކަ ދެއްކުމުން ފެށިގެން ސަރުކާރުގައި ކަމަކު އެދުމަކީ މަނާ ކަމެކެވެ. ސަރުކާރު މެމްބަރުންނޯލައެވެ. ސަރުކާރުގެ ކައުންސިލަރުންނޯލައެވެ. މި މީހުންނަށް ކިޔަން ވީ އަޅުން ކަމެއް ކޮހުން ކަމެއް އެނގޭނެ ބައެއް އުޅެން ވާނެއެވެ.
ބިންގާ ވަރަށް ބޮޑަށް ކަތިވެއްޖެއެވެ. ސަރުކާރުގެ އަމާޒުތަކާއި ރަތްޔިތުންގެ އަމާޒުތައް ކަފިކަފި ވެއްޖެއެވެ. ދައުލަތުގައި ވަނީ ވެރީންނާއި އަޅުންނެވެ. ވަރިހަމަކޮށްލައިގެން ތިބެވޭނީ ވަކިވަރަކަށެވެ. ދައުލަތުގެ ބާރުތައް ތައްމިނަށް ދީގެން އިވުނު އަޑެއް ނެތެވެ. ވީކަމެއް ނެތެވެ. ދެކޮޅުވެއްޖެ ނަމަ ކޮންމެވެސް ވަރަކަށް ސަމާލު ވީހެވެ. އެއް ކޮޅު ވެގެން ތިބެންޖެހޭނީ ބަނދެވިގެން ކަސްތޮޅުގައެވެ. ކައުންސިލްތައް ސަރުކާރުގެ ނުފޫޒުގައި މިހާ ތަނަށް އޮވެ ވީ ކަމެއް ރައްޔިތަކަށް ނޭގެއެވެ.
ކައުންސިލްތައް ސަރުކާރަށް ދޭންޖެހޭ ސަބަބެއްވެސް ރައްޔިތުންނަކަށް ނެތެވެ. ކައުންސިލްތަކެއް އުވާލާ ރައްޔިތުންގެ އަޑު ހަނިކޮށްފިއެވެ. ކައުންސިލްތަކުގެ ބާރުތަކެއް މުށުތެރެއަސްލާ ރައްޔިތުންނަށް ހުރި މަންފާތަކެއް ސަރުކާރުން ހިސޯރުކޮށްފިއެވެ.
އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިންތިހާބަކީ ތަފާތު ދައްކާނެ އިންތިހާބަކަށް ވާން ޖެހެއެވެ. ރާއްޖެ ދިރި ދެމި އޮންނާން ވާނެއެވެ. ރާއްޖޭގައި ކަނޑައަޅާފައިވާ ނިޒާމުތައް ދެމި އޮންނާން ވާނެއެވެ. އަހަރެމެންނީ ޕޯޗުގީޒުން ބޭރު ކުރި މީހުންނެވެ. ނޮވެމްބަރު 3 ގެ ބާގީން ބޭރު ކުރި މީހުންނެވެ. ކަށީގައި ހިތްވަރު ހުންނަން ވާނެއެވެ. ދައުލަތުގެ ނިޒާމުތައް ހަމަ މަގަށް އެޅުވޭނީ ސަނާ ކިޔުމަކުން ނޫނެވެ. ހައްގު ބަސް ބުނުމުގެ ހިތަވަރުންނެވެ. އަމިއްލައަށް ޒިންމާ ނަގަން އެނގިގެންނެވެ.