February 27, 2026
Advertisement
ބަޖެޓު ފޫބައްދާނެ ގޮތެއް ނެތް، ކަމެއް ކުރަންޏާ ޖެހޭނީ ފައިސާ ޗާޕު ކުރަން: ރައީސް ޔާމީން
ބަޖެޓު ފޫބައްދާނެ ގޮތެއް ނެތް، ކަމެއް ކުރަންޏާ ޖެހޭނީ ފައިސާ ޗާޕު ކުރަން: ރައީސް ޔާމީން / ރައީސް އޮފިސް

ބަޖެޓު ފޫބައްދާނެ ގޮތެއް ނެތް، ކަމެއް ކުރަންޏާ ޖެހޭނީ ފައިސާ ޗާޕު ކުރަން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Dec 26, 2025, 11:14 PM
މާލެ ސިޓީ

އަންނަ އަހަރަށް ބޮޑު ބަޖެޓެއް ފާސްކުރި ނަމަވެސް އެ ބަޖެޓު ފޫބައްދާނެ ގޮތެއް ނެތް ކަމަށާ ގައުމުގައި ކަމެއް ކުރަންޏާ ޖެހޭނީ ފައިސާ ޗާޕު ކުރަން ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނު ޕާޓީއިން ސިލްސިލާކޮށް ބާއްވަމުން ގެންދާ ޓައުން ހޯލު ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެރޭ ޖަލްސާގާއި އިންނަވާ ގައުމުގެ އިގްތިސޯދީ ހާލަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، އަންނަ އަހަރަށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ނަމަވެސް އެ ފައިސާ ހޯދައި، ބަޖެޓު ފޫބެއްދޭނެ ގޮތެއް ނެތް ކަމަށާއި އެހެންވެ ކަމެއް ކުރަންޏާ ޖެހޭނީ ފައިސާ ޗާޕުކުރަން ކަމަށެވެ. އެގޮތުން މި އަހަރު ވެސް ބޭރުގެ ފަރާތްތަކުން އެކަށިގެންވާ އެހީއެއް ނުލިބޭ ކަމަށެވެ. އަދި، އާންމު ގޮތެއްގައި އެންމެ ގިނައިން ދަރަންޏަށް ފައިސާ ދޭ އަވައްޓެރި އިންޑިއާއިން ވެސް މިހާރު އެ ގޮތަށް ފައިސާ ދިނުން ހުއްޓާލައިފި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ އަންނަ އަހަރަކީ ގިނަ މަޝްރޫއުތަކެއް ހިނގާނެ އަހަރެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ހިސާބުތައް ދިމާނުވާ ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ، ލިބޭ ހުރިހާ އާމްދަނީއެއްހެން ޚަރަދުކުރަން ޖެހެނީ ހިންގުމުގެ ޚަރަދަށްކަންވެސް ފާހަގަކުރައްވާފައެވެ.

ސަރުކާރުން ބަޖެޓު ފާސްކޮށްފައި މި އޮތީ 64 ބިލިއަނޭ ޖަހައިގެން. އެކަމަކު، އަނެއް 24 ބިލިއަން ލިބޭނެ ގޮތެއް ނެތް. އެ ފައިނޭންސެއް ނުކުރެވޭނެ. އަނެއް ބައި ފޫބައްދަން ދެ ގޮތެއް އޮތީ. އެއްގޮތަކީ އެ އަދަދު ޖަހާފައި އޮތަސް އަހަރު ނިމިގެންދާއިރު އެ އަދަދާ ކައިރިއަށް ވެސް ނުލިބުން. އަނެއް ގޮތަކީ އެ އަދަދު ހަމަ ހޯދަން ބޭނުން ކަމަށްވަންޏާ ފައިސާ ޖެހުން. ނޫޓު ޗާޕުކުރުން. ކޮށްފި ކަމަށްވަންޏާ އަނެއްކާ ވެސް އަނެއް އުނދަގޫތަކާ މި ކުރިމަތިވަނީ. އެއްގޮތަކަށް ވެސް މި ހިސާބަކުން މަޝްރޫއެއް ނުހިންގޭނެ.

ރައީސް ޔާމީން

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް، ފާސްކުރީ 64 ބިލިއަން ރުފިޔާގެ ރިކޯޑު ބަޖެޓެއްކަން ފާހަގަކޮށްލެވެއެވެ.

އަންނަ އަހަރު އާމްދަނީގެ ގޮތުގައި 40 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ބާކީ ފައިސާގެ ބޮޑުބައި ހޯދަން ރާވާފައިވަނީ ބޭރު ގައުމުތަކުންނެވެ. ބަޖެޓު ފޮތުގައި ވާގޮތުން އަންނަ އަހަރު ޖުމުލަ 26.3 ބިލިއަން ރުފިޔާ ހޯދަންޖެހޭއިރު، އޭގެ ތެރެއިން 16.8 ބިލިއަން ރުފިޔާ ހޯދަން ސަރުކާރުން ރާވަނީ ބޭރުންނެވެ.

ނަމަވެސް، އެއީ ވާނެ ކަމަށް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved