ކޮރަޕްޝަން ހުއްޓުވަން، ތަފާތު ފިކުރުގެ ކައުންސިލަރުން ކަައުންސިލްތަކަށް އިންތިހާބުވާން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ ތަފާތު ފިކުރާއި ހިޔާލުގެ ސިޓީ ކައުންސިލަރުން އިންތިހާބުވުމަކީ، އިދާރީ އިންތިޒާމުގެ ތެރެއިން ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމާއި، ޖަވާބުދާރީކުރުވުމަށް މުހިންމު ފާލެއް ކަމަށެވެ.
އެގޮތުން މޭޔަރު ކަމަށް ހޮވިވަޑައިގަންނަވާ ބޭފުޅެއްގެ މެޖޯރިޓީ ކައުންސިލަރުންނާއި އެކު އިންތިޚާބުވުމަކީ އަމިއްލަ ފައިދާ އިސްކުރުމަށް ހުޅުވޭ ދޮރެކެއްގެ ގޮތުގައި ޒަރިޔަންދު ސިފަކުރައްވާފައިވެއެވެ.
ތަފާތު ފިކުރާއި ހިޔާލުގެ ސިޓީ ކައުންސިލަރުން އިންތިހާބުވުމަކީ، އިދާރީ އިންތިޒާމުގެ ތެރެއިން ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމާއި، ޖަވާބުދާރީކުރުވުމަށް މުހިންމު ފާލެކެވެ. މޭޔަރުގެ މެޖޯރިޓީ ކައުންސިލަރުންނާއި އެކު އިންތިޙާބުވުމަކީ އަމިއްލަ ފައިދާ އިސްކުރުމަށް ހުޅުވޭ ދޮރެކެވެ.
— Ismail Zariyand (@zariyand) December 28, 2025
ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު، އޭނާއަށް ވަނީ ޕީއެންއެފްެ އެންޑޯޒްމަންޓު ލިބިފައެވެ. ޒަރިޔަންދު ކައުންސިލްއަށް ވާދަކުރައްވާނީ ނަމަވެސް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ. ޒަރިޔަންދު ކުރިން ވިދާޅުވެފައިވަނީ މޭޔަރުކަމަށް ސިޔާސީ ފިކުރުން ތަތްތެޅިފައި ތިބި ބަޔަކު އައިސްފި ނަމަ ރައްޔިތުންނަށް ޚިދުމަތްކުރުމަށް އެބަޔަށް ވަގުތު ނޯންނާނެ ކަމަށާ އެބަޔަކު އުޅޭނީ ޕާޓީ ޕްރޮމޯޓުކުރުމުގައި ކަމަށެވެ.