ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރަން ނިންމުމަށްފަހު، އެ ރަށުގައި 4 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްް ވެސް ހަވާލުކުރުމަށްފަހު އެ ރަށު ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ގަރާރު ނެރުއްވައިފިއެވެ.
އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ރައީސް މުހައްމަދު މުއިއްޒު ވަނީ އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި, ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެ ރަށުން ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ދޮޅު އަހަރުތެރޭ ގާއިމުކޮށް ތަޅުދަނޑި ހަވާލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އަރުވައިފައެވެ.
އެހެން މުއިއްޒު ވިދާޅުވެފައިވަނިކޮށް، އެ ރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު އަސާސީ ޚިދުމަތް ގާއިމުކުރާނެކަމަށް ބުނެ، ސަރުކާރުން އެ ރަށުގައި 4.1 މިލިއަން ރުފިޔާއަށް "ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރެއް" އަޅަން ދިނީ މިދިޔަ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހެވެ.
އެ މަޝްރޫއު ހަވާލުކުރިތާ މަސް ދުވަހެއްފަހުން އަންގަާރަ ދުވަހު މުއިއްޒު ވަނީ ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ގަރާރު ނެރުއްވައިފައެވެ.
ގަރާރުގައިވާ ގޮތުން މި ކަމުގެ ބޭނުމަކީ، އަންނަ އޭޕްރިލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވައިލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ޙާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިޚާބީ ދާއިރާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބަލަންވާނީ އެ މީހުން އަލަށް ބަދަލުކުރެވުނު ރަށްކަމަށް ބަޔާންކޮށްފައިވާތީ، ހިރިމަރަދޫގެ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ، ހަނިމާދޫކަމުގައި ބެލުމަށް އިލެކްޝަންސް ކޮމިޝަނަށް މަގުފަހިކޮށްދިނުމަށް ކަމަށް ގަރާރުގައިވެއެވެ.
މި ޤަރާރާއެކު ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމުން، ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫންކަމަށް ކަނޑައަޅާނެއެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު އަދާހަމަކޮށް، ޤަރާރުގެ ޖަދުވަލެއްގެ ގޮތުގައި އެ ލިސްޓު ވަނީ ހިމަނުއްވާފައެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާއެކު، އެ ކަން ސަރުކާރުން ޢާންމުކޮށް އިޢުލާނުކުރާ ތާރީޚުން ފެށިގެން ކަމަށް ގަރާރުގައިވެއެވެ.