

އިންތިޚާބަށްފަހު ރައީސް މުއިއްޒު ދިޔަ ހުރިހާ ރަށަކުން ވެސް ދައްކާލީ ރައީސް ޔާމީންގެ ހުސް ގޮނޑި ކަމަށް ޕީއެންއެފް އުފެއްދުމުގައި ހަރަކާތްތެރިވާ އެއް ފަރާތްކަމަށްވާ އަހްމަދު ފާއިޒް ވިދާޅުވެއްޖެއެވެ.
ފާއިޒް މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް 13 ގެ އަދާހަމަ ލައިވްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ފާއިޒް ވިދާޅުވީ ރައީސް ޔާމިނަށް ތާއިދު ކުރައްވާ ފަރާތްތަކުން އެ ގެންދަވަނީ ރައީސް މުއިއްޒު ވަޑައިގަތުމުން އެމަނިކުފާނު ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ބެހެއްޓެވި ހުސް ގޮނޑި މަތިން ހަނދާން ނެތުނީމާ އެ ގޮނޑި ދައްކައިގެން ހަނދުމަފުޅު އައުކޮށްދެމުންކަމަށެވެ.
އެ ގޮނޑި ދައްކަމުން ރައްޔިތުން ދާއިރު އެ ރަށްރަށަށް ވަޑައިގެންނަވާ ފަރާތްތަކަށް ވަނީ ރައްޔިތުންނަށް ޖަވާބު ދިނުމުގައި އުޒުރުވެރިވެފައިކަމަށްވެސް ފާއިޒް ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީނަށް ތައީދުކުރައްވާ ފަރާތްތަކުން އެ ދަނީ ރަށްރަށުގައި ހިނގަމުންދާ ކެމްޕެއިންތެރޭގައި ވެސް ހުސް ގޮނޑި ދައްކާލަމުން. އަޅުގަނޑަށް ހީވަނީ އެއްވެސް ރަށެއް ނެތް ކަންނޭނގެ ހުސް ގޮނޑި އެއްވެސް ވަރަކަށް ދައްކާނުލައި. މިޔަށް ޖަވާބު ދޭން ވަރަށް އުނދަގޫވެފައި އެ ރަށްރަށަށް ކެމްޕެއިނަށް ވަޑައިގެންނަވާ ފަރާތްތަކުގެ މޫނު މަތިން އަޅުގަނޑުމެންނަށް ފެންނަނީ
މިހާރު މިއޮތީ ޝަރުޢީ ދާއިރާއަށް ވެސް ޖަވާބުދޭން އުނދަގޫވާ ހާލަތަކަށް ކަންކަން ބޮއްސުންލާފައިކަމަށްވެސް ފާއިޒް ވަނީ ވިދާޅުވެ ރައީސް ޔާމީންގެ މައްސަލަ ލަސް ކުރަމުން ގެންދަވާތީ ޝަރުއީ ދާއިރާއަށް ފާޑު ކިޔުން އަމާޒުކުރައްވާފައެވެ.
ދެން ކަންތައްތައް މިގޮތައް ތަކުރާރު ވަނީ ކަމުގައިވާނަމަ ޕީއެންއެފްގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް މަގުމައްޗައް ނިކުންނަށް ޖެހިލުން ނުވާނެކަމަށްވެސް ފާއިޒް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމުގައި ދެމިހުންނާނެކަމަށްވެސް ފާއިޒް ވަނީ ވިދާޅުވެ ޔަގީންކަން ދެއްވާފާއެވެ.