
އާ އަހަރު ފާހަގަކުރުމަށް މާލޭގައި ބޭއްވި ޑްރޯން ޝޯގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިފަ ފެންނަ ގޮތަށް ޑްރޯންތައް އެތުރުމާ ގުޅިގެން، ސޯޝަލް މީޑިއާގައާއި އާންމުންގެ މެދުގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
އާ އަހަރުގެ މުނާސަބަތުގައި ބޭއްވި މި ހަރަކާތުގައި، ޑްރޯން ބޭނުންކޮށްގެން މުއިއްޒު ސިފަވާގޮތަށް ކުރެހުމުން، ގިނަ ބަޔަކު ވަނީ މިއީ "ދެން ފުކެއް ބޮޑުވަރު" ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ. ސޯޝަލް މީޑިއާގައި މިކަމާ ގުޅޭގޮތުން ޚިޔާލު ފާޅުކުރި ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި، ކޮންމެ ހަފުލާއަކާ ނުވަތަ ކޮންމެ މުނާސަބަތަކާ ގުޅުވައިގެން ވެރިންގެ ބޮޑެތި ފޮޓޯއާއި، ސްޓެޗޫ ނުވަތަ އެފަދަ ރަމްޒުތައް ދެއްކުމަކީ ދުނިޔޭގެ ތާރީޚުގައި ހުދުމުހުތާރު ވެރިންގެ ކިބައިން ފެންނަ ވަރަށް އާންމު ސިފައެކެވެ.
މި ހަރަކާތަކީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިންގި ކަމަކަށް ވާއިރު، ގައުމީ އުފާފާޅުކުރުމުގެ މުނާސަބަތެއް ރައީސުލްޖުމްހޫރިއްޔާގެ ޝަޚުސީ އިޝްތިހާރަކަށް ބަދަލުކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އާންމުންގެ ފާޑުކިޔުންތަކުގައި ބުނެފައިވަނީ، ޑިމޮކްރެޓިކް ނިޒާމެއްގައި ވެރިއަކީ ރައްޔިތުންގެ ޚާދިމެއް ކަމަށާއި، ނަމަވެސް މިހާރު ފެންނަމުންދަނީ ކޮންމެ ތަނެއްގައި ރައީސްގެ ތަަސްވީރު ކުރަހައިގެން "ރަސްކަލެއް" ފަދައިން މީހުންގެ ސިކުނޑިތަކާ ކުޅެން އުޅޭ މަންޒަރު ކަމަށެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، މިފަދަ އަމަލުތަކަކީ ރާއްޖޭގެ ޑިމޮކްރެސީ ފަހަތަށް ޖެހި، ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވަމުންދާ ކަމުގެ ނުރައްކާތެރި ސިގްނަލެކެވެ.










