February 21, 2026
Advertisement
ޝަރީފުއާ ޒަމީރު ގެންދަނީ މުއިއްޒަށް ވައްކަންކޮށްދެމުން: ރައީސް ޔާމީން
ޝަރީފުއާ ޒަމީރު ގެންދަނީ މުއިއްޒަށް ވައްކަންކޮށްދެމުން: ރައީސް ޔާމީން / އެމްއޭސީއެލް

ޝަރީފުއާ ޒަމީރު ގެންދަނީ މުއިއްޒަށް ވައްކަންކޮށްދެމުން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jan 2, 2026, 09:48 PM
މާލެ ސިޓީ

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ބޭނުންވާ ވައްކަންތައް ކޮށްދެމުންދާ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ރަސްމާލެ ހިއްކުމަށް އަގު ބޮޑު ބޭރުގެ ބަޔަކާ ހަވާލުކޮށްފައިވާވުމަށް އިޝާރާތްކުރައްވާ ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަކީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެންމެ ބޮޑަށް ވައްކަން ކޮށްދޭ މަރުކަޒަށް ވެފައިވާ ކަމަށެވެ.

އެ ވައްކަންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއްކަމަކީ ފުށިދިއްގަރުފަޅު ހިއްކުމުގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ.

ފުށިދިއްގަރުފަޅު ހިއްކުމަށް ބޭނުންކުރާ ކޮންމެ ކޮޑި މީޓަރަކަށް އެމެރިކާގެ ދެ ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަގަމުންދާ ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުނުކޮށް، އެމްއޭސީއެލްއިން އަލަށް އުފެއްދި ކުންފުންޏަކާ ހަވާލުކުރީ ރާއްޖޭގެ ކުންފުންޏަކުން އެ މަސައްކަތް ކުރާނަމަ މިފަދަ ވައްކަންތައް ކުރަން ދަތިވާނެތީ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެތަނުގައި ސީއީއޯއަކަށް އެހުރި ޝަރީފު އާއި އޭނާގެ އަޚަހަށް އެހުރި ޒަމީރު، ފިނޭންސް މިނިސްޓަރު މި ދެ މީހުން މިހުރިހާ ވައްކަންތަކެއް ކޮންދެނީ މިހާރު މުއިއްޒުއަށް.

ރައީސް ޔާމީން

ރައީސް ޔާމީން ތުހުމަތުކުރައްވާފައިވާ ގޮތުގައި، ރަސްމާލޭގެ ނަމުގައި ހިއްކާ ކ.ފުށިދިއްގަރުފަޅު ހިއްކުމަށް އެމްޓީސީސީއިން ބިޑު ހުށަހަޅާފައިވާ ވަނިކޮށް ސަރުކާރުން ވަނި އެއަށް ވުރެ ބޮޑު އަގެއްގައި އެ މަޝްރޫއު ބޭރުގެ ބަޔަކާ ހަވާލުކޮށްފައެވެ.

އެމަނިކުފާނު ތުހުމަތު ކުރައްވާ ގޮތުގައި އެހެން އެކަން ކޮށްފައިވަނީ ސަރުކާރުން ބޭނުންވާ ވައްކަން ނުކުރެވޭނެތީ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި ރަސްމާލެ ހިއްކުމަށް ދާ ކޮންމެ ކޮޑި މީޓަރުން 2 ޑޮލަރުގެ ވައްކަމެއް ސަރުކާރުން ކުރަމުންދާ ކަމުގެ މައުލޫމާތު އެމަނިކުފާނަށް ވަނީ ލިބިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved