February 25, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ވެރިމީހާ ދޮގު ހެދުން ކަމަކަށް ނުވެ ތިބި އިލްމުވެރިން ސްކޫލުތަކުގައި މަސްހުނިކޮށް ކިޔަވައިދޭތީ ސިޓީއެއް ފޮނުވައިފި

Jan 4, 2026, 05:59 PM
މާލެ ސިޓީ

އަންހެން އަދި ފިރިހެން ދަރިވަރުން މަސްހުނި ނުވާނެހެން ކިޔަވައިދިނުމުގެ ނިޒާމު އިސްލާހުކޮށްދެއްވުމަށް ރާއްޖޭގެ ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއަށް ޢިލްމުވެރިންގެ ގުޅުމުން އިލްތިމާސް ކޮށްފިއެވެ.

Advertisement

ތައުލީމީ ވަޒީރަށް ފޮނުއްވި ސިޓީގައި ޢިލްމުވެރިން ވަނީ، 2008 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ބޮޑެތި ސްކޫލްތަކުގައި އަންހެން އަދި ފިރިހެން ކުދިން ތިބީ ވީހާވެސް ބޮޑަކަށް ވަކިކުރެވިފައިކަން ފާހަގަ ކޮށްފައެވެ.

ނަމަވެސް، 2008 ވަނަ އަހަރު އައި އައު ސަރުކާރާއެކު ތައުލީމީ ދާއިރާއަށް ގެނެވުނު ބަދަލުތަކަކީ އިސްލާމީ އުސޫލުތަކާއި ދިވެހީންގެ ސަގާފަތާ ބީރަށްޓެހި، ސެކިއުލަރ ފިކުރެއްގެ މައްޗަށް ބިނާވެފައިވާ ބަދަލުތަކެއް ކަމަށް އެ ސިޓީގައި ބަޔާން ކޮށްފައިވެއެވެ.



ޢިލްމުވެރިންގެ ގުޅުމުން ވަނީ ދާދިފަހުން މީސްމީޑިއާގައި ފެތުރުނު ވީޑިއޯއަކަށް އިޝާރާތްކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ރާއްޖޭގެ ދެކުނުގެ ރަށެއްގެ ސްކޫލެއްގެ ކްލާސްރޫމް ތެރޭގައި ދެ ޖިންސުގެ ދަރިވަރުން ގައިގޯޅިވެ، ބޭއަދަބީކޮށް އުޅުނު މަންޒަރު ފެންނަ އެ ވީޑިއޯއަކީ ދެ ޖިންސު މަސްހުނިކޮށް ކިޔަވައިދިނުމުގެ ސަބަބުން ކުރިމަތިވާ އަހުލާގީ ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި އެ ޖަމްޢިއްޔާއިން ސިފަކޮށްފައިވެއެވެ.

މީގެ އިތުރުން، ދެ ޖިންސު މައްސުނި ކުރުމަކީ ދަރިވަރުންގެ އަހުލާގާއި ސުލޫކަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެއްކަން ހާމަކުރައްވަމުން، ދުނިޔޭގެ ކުރިއަރާފައިވާ މުއައްސަސާތަކުގެ ދިރާސާތަކަށް އިލްމުވެރިން ވަނީ ރިއާޔަތްކުރައްވާފައެވެ.

އޭގެ ތެރޭގައި ހަވަރޑް ޔުނިވަރސިޓީއާއި ބީބީސީ ފަދަ ބައިނަލްއަޤުވާމީ މުއައްސަސާތަކުން ހަދާފައިވާ ދިރާސާތައް ހިމެނެއެވެ. އަދި ދެ ޖިންސު ވަކިކޮށްގެން ކިޔަވައިދިނުމަށް ދަލީލުކުރާ ކީރިތި ރަސޫލާ ﷺ ގެ ޒަމާނުގެ ބައެއް ހާދިސާތައްވެސް ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.



ޢިލްމުވެރިންގެ ގުޅުމުގެ ސިޓީ ނިންމާލާފައިވަނީ، ދިވެހިރާއްޖޭގެ ސްކޫލް މަދަރުސާތަކަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ދަރިވަރުން ތަރުބިއްޔަތުކުރާ ތަންތަނަށް ހެދުމަށްޓަކައި، ސްކޫލްތަކުގެ ތައުލީމީ މާހައުލަކީ ދެ ޖިންސު މައްސުނި ނުވާނެ ފަދަ މާހައުލަކަށް ހެއްދެވުމަށްޓަކައި ކަމާގުޅޭ އުސޫލުތައް އިސްލާހުކޮށްްދިނުމަށް އެދެމުންނެވެ.

ސްކޫލުތަކުގައި މަސްހުނިކޮށް ކިޔަވައިދޭތީ އިލްމުވެރިންގެ ގުޅުމުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ހަމަ އެ ދަރިވަރުންނަށް ނަމޫނާ ދައްކަން ތިބި ގައުމުގެ ވެރިން ފާޅުކަން ބޮޑުކޮށް ދީނާ ޚިލާފުކަންކަން ކޮށް ބޮޑެތި ދޮގުތައްވެސް ހަދަމުންދާއިރު މި އިލްމުވެރިންގެ ހިލަމެއް ނުވާތީ ގިނަބަޔަކު ފާޑިޔުން އަމާޒުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved