March 22, 2026
Advertisement
ސްކޫލުގައި ދަރިވަރަކު ކިޔަވަނީ
ސްކޫލުގައި ދަރިވަރަކު ކިޔަވަނީ / ޔުނިސެފް

ކިޔެވުން ފެށިއްޖެ، އަދިވެސް ފޮތްތައް ހަމަނުވޭ!

Jan 27, 2026, 11:08 PM
މާލެ ސިޓީ

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުނުއިރުވެސް ބައެއް ގްރޭޑުތަކަށް ފޮތްތައް ހަމަނުވާކަން ހާމަވެއްޖެއެވެ.

Advertisement

ކިޔެވުން ފެށުމުގެ އެއް ދުވަސްކުރިންވެސް ބެލެނިވެރިން ގެންދިޔައީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ނަމަވެސް، އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވަނީ ކިޔެވުން ފެށުމުގެ ކުރިން ފޮތްތައް ހަމަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ނަމަވެސް 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ޖަނަވަރީ 27 ގައި ފެށިގެން ދިޔައިރުވެސް އަދިވެސް ބައެއް ގްރޭޑުތަކުގެ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ހަމައަށް ނުލިބޭކަމުގެ މައުލޫމާތު ޗެނަލް13އަށް ވަނީ ލިބިފައެވެ.

މާލެއާ އަތޮޅު ތެރޭގެވެސް ސްކޫލުތަކަށް ފޮތްތައް ހަމަވެފައިނުވާއިރު މިކަމުގައި އެޑިއުކޭޝަންގެ ބަހެއް ނެތެވެ. ދޮޅުމަސް ދުވަހުގެ ޗުއްޓީއަކަށް ފަހު، ސަރުކާރުގެ 219 ސްކޫލެއްގައި ކިޔެވުން ފެށިގެން ދިޔައިރު ފޮތްތައް އެއްކޮށް ހަމަވާނެ ދުވަހެއް އަދި ޔަގީން ނުވާތީވެސް ބެލެނިވެރިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބޮޑު ޗުއްޓީ ނިންމާ ދިރާސީ އައު އަހަރު ފެށިއިރު 80،000އަށް ވުރެ ގިނަ ދަރިވަރުން ސްކޫލަށް ނުކުމެފައިވެއެވެ. މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރު ޕްރީ ސްކޫލު ނިންމައި 4،700އަށް ވުރެ ގިނަ ދަރިވަރުން ގްރޭޑް އެކަކަށް ބަދަލުވިއެވެ. ރަށްރަށުގެ ސްކޫލުތަކުން މާލެއަށް 1،500އެއްހާ ދަރިވަރުން ބަދަލުވިއިރު މާލެއިން ހުޅުމާލޭގެ ސްކޫލުތަކަށް 800އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވިކަމަށް ވެސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved