theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
އެޑިއުކޭޝަން މިނިސްޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި / ސޯޝަލް މީޑިއާ
ހަބަރު
ސްކޫލުތައް ފެށެން އެއް ދުވަހަށްވީއިރު ވެސް ފޮތްތައް ހަމަ ނުވާތީ ބެލެނިވެރިންގެ ކަންބޮޑުވުން!
25 ޖެނުއަރީ 2026
މާލެ ސިޓީ

ދިރާސީ އައު އަހަރު ފެށެން އެންމެ ދުވަހަކަށްވީއިރުވެސް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ހަމަވެފައިވާ ނުވާތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އަންގާރަ ދުވަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ފަހުގެ ތައްޔާރީތައް ބެލެނިވެރިންނާ ދަރިވަރުން އަދި ޓީޗަރުންވެސް ކުރަމުން ގެންދާއިރު، މާލެ އާއި އަތޮޅުތެރޭގެ ގިނަ ސްކޫލްތަކެއްގައި ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ހަމަވެފައިނުވާކަމަށް ބެލެނިވެރިން ވަނީ ބުނެފައެވެ.

އެއް ގްރޭޑްތަކުގެ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އަދިވެސް ހަމަނުވާތީ ބެލެނިވެރިން ޝަކުވާ ކުރަމުން ގެންދާއިރު، އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު ވިދާޅުވި، ކިޔެވުން ފެށުމުގެ ކުރިން ފޮތް ހަމަވާނެ ކަމަށާއި، ގާތްގަނޑަކަށް ހުރިހާ ސުކޫލުތަކަށް ފޮތް ޑިސްޕެޗް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ދެއްކެވި ވާހަކަ ތަފާތެވެ. އެގޮތުން އެ އިންޓަވިއުގައި މިނިސްޓަރު ވިދާޅުވެފައިވަނީ ފޮތްތައް ފޯރުކޮށްދިނުމުގައި ބައެއް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން މީގެ ކުރިން އަރަބިއްޔާ ސްކޫލުގެ ގުދަނެއްގައި ފޮތްތައް ތަރުތީބު ކުރަމުން ދިޔަ ނަމަވެސް، މިހާރު އެ މަސައްކަތް އަމީނިއްޔާ ސްކޫލަށް ބަދަލުކުރުމުން ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މާލޭގެ އުތުރު ބަނދަރު ސަރަހައްދުގައި ކުރިއަށްދާ މަސައްކަތްތަކުގެ ސަބަބުން، އަތޮޅުތަކަށް ފޮތް ފޮނުވުމަށް ބޯޓުތަކަށް ތަކެތި ބަރުކުރުމުގައި ވެސް ދަތިތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް ސްކޫލްތަކުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ހަމައަށް ލިބޭނެ ކަމުގެ ސައްތައިން ސައްތަ ޔަގީންކަން މިނިސްޓަރު ވަނީ މީގެ ކުރިން ދެއްވާފައެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ، މި މަހު 27 ވާ އަންގާރަ ދުވަހު ކަމަށްވާއިރު، ޓީޗަރުން މި މަހު 25ގައި ސުކޫލުތަކަށް ވަނީ ނިކުމެފަ އެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved