February 28, 2026
Advertisement
-
- / އަލްޖަޒީރާ

ސައުދީއަށް ވާގިވެރިވި ކަމުގެ ތުހުމަތުގައި ޔަމަނުގެ އެސްޓީސީގެ ލީޑަރު ޒުބައިދީ މަގާމުން ދުރުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 7, 2026, 10:33 PM
މާލެ ސިޓީ

ޔަމަނުގެ ސަަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ) ގެ ލީޑަރު އައިދަރު އަލް ޒުބައިދީ، ގައުމަށް ޣައްދާރުވި ކަމުގެ ތުހުމަތުގައި އެ މަގާމުން މިއަދު ދުރުކޮށްފިއެވެ.

Advertisement

ޒުބައިދީ މަގާމުން ދުރުކުރަން ނިންމީ، ސައުދީ އަރަބިއްޔާ އިސްވެ އޮންނަ ކޯލިޝަނުން ޔަމަނުގެ މުލައްކާ ބަނދަރަކަށް ދިން ހަމަލާއެއްގައި، އޭނާ ސައުދީއާ އެއްބައިވެ ގައުމުގެ މަސްލަހަތާ ދެކޮޅަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. މި ހަމަލާއަކީ ޔަމަނުގެ އިގްތިސާދީ އަދި އިސްތިރާޖީ ގޮތުން މުހިންމު ސަރަހައްދަކަށް އަމާޒުކޮށް ދިން ހަމަލާއެކެވެ.

މިކަމާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޒުބައިދީގެ މައްޗަށް ކުރެވޭ އެންމެ ބޮޑު ތުހުމަތަކީ ސައުދީ ކޯލިޝަނުން ހަމަލާ ދިނުމަށް މަގުފަހިކޮށްދީ، ގައުމުގެ އެތެރޭގެ ސިއްރު މައުލޫމާތުތައް ހިއްސާކޮށްފައިވުމެވެ. އެސްޓީސީގެ ކައުންސިލް މެންބަރުން ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޒުބައިދީގެ މި އަމަލަކީ ޔަމަނުގެ ރައްޔިތުންނަށް ވެވުނު ބޮޑު ޚިޔާނާތެއް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ޔަމަނުގެ ސިޔާސީ މަސްރަހު ވަނީ އިތުރަށް ހަލަބޮލިވެފައެވެ. ވަކިން ހާއްސަކޮށް، ސައުދީ ކޯލިޝަނުން ޔަމަނުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަމުންދާ މިންވަރު އިތުރުވެފައިވާ ދަނޑިވަޅެއްގައި، އެސްޓީސީގެ އެންމެ އިސްވެރިޔާ މިފަދަ ތުހުމަތެއްގައި މަގާމުން ދުރުކުރުމަކީ ސަރަހައްދީ ސިޔާސަތަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޔަމަނުގެ ދެކުނުގެ ސަރަހައްދުތަކުގައި ޒުބައިދީއަށް ތާއީދުކުރާ ފަރާތްތަކާއި އޭނާއާ ދެކޮޅު ފަރާތްތަކުގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާއިރު، އެސްޓީސީން މިހާރު ދަނީ ކައުންސިލަށް އާ ލީޑަރަކު އައްޔަންކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި މައްސަލައިގައި ސައުދީ ކޯލިޝަނުން ނުވަތަ ޒުބައިދީގެ ފަރާތުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މިއީ ޔަމަނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ތެރޭގައި އުފެދިފައިވާ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ބެލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved