އަމިއްލަފުޅަށް "ޑީލް ހެދުމުގެ މާހިރެއް" ކަމަށް ދަޢުވާކުރައްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެނެޒުއެލާއިން ވަރުގަދަ ރައްދެއް ދީފިއެވެ. ޓްރަމްޕް ވެނެޒުއެލާ ސަރުކާރުގެ ކިބައިން 50 މިލިއަން ފީފާ ތެޔޮ ހޯއްދެވުމަށް އެދިވަޑައިގަތުމުން، އެ ގައުމުން ވަނީ އެކަމަށް ސީދާ ނޫނެކޭ ބުނެ، ޓްރަމްޕްގެ ހުށަހެޅުން ބޭރުކޮށްލާފައެވެ.
މި ހާދިސާ ހިނގާފައިވަނީ ދާދި ފަހުން ބައިނަލްއަގުވާމީ ހަކަތައިގެ ބާޒާރުގައި އަގުތަކަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެންނެވެ. ޓްރަމްޕް ހީކުރެއްވީ އޭނާގެ އާންމު އުސޫލުން ބޮޑު ވާހަކައެއް ދައްކަވައިގެން ވެނެޒުއެލާގެ ތެޔޮ ރިޒާވުން ބޮޑު މިންވަރެއް ހޯއްދެވިދާނެ ކަމަށެވެ. ނަމަވެސް، ވެނެޒުއެލާ ސަރުކާރުން ވަނީ ޓްރަމްޕްގެ މި "އާޓް އޮފް ދަ ޑީލް" އުކުޅުތަކަކީ އެ ގައުމަށް ހިނގާނެ އެއްޗެއް ނޫންކަން ސާފުކޮށްދީފައެވެ.
ވެނެޒުއެލާގެ ޚަބަރުތައް ބުނާ ގޮތުގައި އެ ޤައުމުގެ ވަގުތީ ރައީސް މިކަން ބޮލާލާ ޖެއްސެވީ ބޭރުގެ އެއްވެސް ކޮންޓްރޯލެއް ވެނެޒުއެލާގެ ހަކަތައިގެ ދާއިރާގައި އޮތުމަށް ބޭނުންފުޅު ނުވާތީއެވެ. ވެނެޒުއެލާގެ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި އެމެރިކާ ސިފައިން ރައީސް ނިކޮލަސް މަދޫރޯ ވަގަށް ނަގައިގެން އެމެރިކާ އަށް ގެންގޮސް ޝަރީޢަތް ހިންގުމުގެ އަސްލު ސަބަބަކީ ވެސް ވެނެޒުއެލާގެ ޤުދުރަތީ މުއްސަނދިކަމަށް ނުފޫޒު ފޯރުވުމަށެވެ.
ވެނެޒުއެލާގެ އިސް މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި، ޓްރަމްޕް އެދިވަޑައިގެންނެވި 50 މިލިއަން ފީފާ ތެލަކީ އެއްވެސް އުސޫލެއްގެ ތެރެއިން ދެވޭނެ އެއްޗެއް ނޫނެވެ. އަދި ޓްރަމްޕް އެ ގައުމާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އޭނާއަށް މިފަދަ އެހީތެރިކަމެއް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ގައުމުން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ބައިނަލްއަގުވާމީ ސިޔާސީ މައިދާނުގައި ގިނަ ބައެއްގެ ފާޑުކިޔުން ޓްރަމްޕަށް ވަނީ އަމާޒުވެފައެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ ޓްރަމްޕްގެ ސިޔާސީ ހަޔާތުގައި ކުރިމަތިވި ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. "ދުނިޔޭގެ އެންމެ މޮޅު ވިޔަފާރިވެރިޔާ" ގެ ލަގަބު އަމިއްލަ ނަމުގެ ކުރިއަށް ލައްވައިގެން އުޅުއްވާ ޓްރަމްޕަށް، މިފަހަރު ޖެހުނީ ހުސްއަތާ ގެއަށް ވަންނާށެވެ.