ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދާ އަދި ފޮށިތަކުގެ މައުލޫމާތުވެސް ހާމަކޮށްފިއެވެ.
އަންނަ އެޕްރީލް 4، ގައި ބާއްވާ އެ އިންތިހާބުގެ މައުލޫމާތު ހާމަކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ، ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 294،937 ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 150،410 ފިރިހެނުންނާ 144،527 އަންހެނުން ކަމަށްވެސް އީސީއިން ހާމަކޮށްފައިވެއެވެ.
އެކޮމިޝަނުން ވަނީ އިންތިހާބުގެ ވޯޓުފޮށިތަކުގެ މައުލޫމާތު ވެސް އާންމުކޮށްފައެވެ. އެގޮތުން މި އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބަހައްޓާނެއެވެ. އަތޮޅުތެރޭގައި 321 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 240 ވޯޓުފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ތިން ފޮށި، ޖަލުތަކުގައި ފަސް ވޯޓުފޮށި، ރިސޯޓްތަކުގައި 50 ވޯޓު ފޮށި އަދި ރާއްޖެއިން ބޭރުގައި ދެ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައިވެއެވެ.
ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ލިސްޓަށް ޖެނުއަރީ 18، ވާ އާދީއްތަ ދުވަހުގެ މެންދުރު 15:00 ގެ ނިޔަލަށް އިލެކްޝަންސްގެ މައިޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ.
އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ސައްހަ ކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެ ކަމަށް އީސީއިން ބުނެފައިވެއެވެ.
ރަޖިސްޓްރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން އީސީން ވަނީ އެދިފައެވެ.
މީގެއިތުރުން އީސީއިން ބުނީ ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
މި ކައުންސިލް އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރެވޭނެއެވެ.