ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ދުވަހަކުވެސް ކަރޯކޭ ވިދާޅުނުވާ ކަމަށް ބުނެ ރައީސް އޮފީހުން ދޮގު ހަދައިފިއެވެ.
ރައީސްގެ އަނބިކަނބަލުން ކަރޮކޭ ޖައްސާފައި ހުރި ވީޑިއޯތަކެއް ދައުުރުވަމުންދެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި މެޑަމް ސާޖިދާއާ އަދި އެކުވެރިންތަކެއް ވަރަށް ފޯރީގައި ލަވަ ވިދާޅުވަމުން ގެންދަވާއިރު ލަބައިގެ ބަޑިތަކާ އެއް ހަމައަށް ފަރި ހަރަކާތްވެސް ކުރައްވައެވެ.
ނަމަވެސް ވީޑިއޯގައި ފެންނަ މަންޒަރުތައް ދޮގުކޮށްފައިވަނީ ރައީސް އޮފީހުންނެވެ. އެގޮތުން ކަރޯކޭ ލަވަ ކިއުމަކީ ރައީސް މުހައްމަދު މުއިއްޒުގެ އާއިލާއިން އެއްވެސް އިރެއްގައި ކުރެއްވި ކަމެއް ނޫން ކަމަށް ބުނެ، ރައީސްގެ ރަސްމީ ގެކޮޅުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓި ކަމަށް ދެކެވެމުންދާ ވާހަކަތައް ދޮގު ކުރެއްވީ ރައީސް އޮފީހުގެ މިނިސްޓާރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމު ޚަލީލެވެ.
ޚަލީލު މީޑީޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، "ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓިކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ. މިއީ އެއްވެސް ދުވަސްވަރެއްގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އާއިލާއިން ގޭތެރޭގައި ކުރައްވާކަމެއް ވެސް ނޫންކަމަށެވެ.
މީގެ އިތުރުން ޚަލީލު ވަނީ އެފަދަ ވާހަކަތަކެއް ފެންމަތިކޮށްގެން އުޅެނީ ލިބުނު ފުރުސަތުގައި ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ފަހު، އެފަދަ ބޮޑެތި ހިޔާނާތްތައް ފޮރުވަން މަސައްކަތްކުރާ ފަރާތްތަކުންކަމަށް ތުހުމަތުކުރައްވާފައެވެ.
އެކަމާ ގުޅިގެން ޚަލީލު ވިދާޅުވީ، ފޭކް ފޮޓޯތައް މީޑިއާއަށް ނެރެ، މިފަދަ ދޮގު ތުހުމަތުތައް އަނެކުންގެ މައްޗަށް ކުރުމުގެ ބޭނުމަކީ މާޒީގައި އެ ފަރާތްތަކުން ކޮށްފައިވާ ނޭދެވޭ ކަންކަން ރައްޔިތުންގެ ހަނދާނަށް އަޔަނުދީ އެހެން ކަންކަމަށް ރައްޔިތުންގެ ފޯކަސް އަނބުރުވައިލުން ކަމަށެވެ.
ޚަލީލު މިހެން ވިދާޅުވިއިރު ރައީސް މުއިއްޒުގެ އަމިއްލަ ގެކޮޅު . ދިމްޔާތުގެ އެއް ފަންގިފިލާގައި މެޑަމް ސާޖިދާ ކަރޯކޭ ކުޅުއްވަން ޚާއްސަކޮށްފައިހުރެއެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެ ކަރޯކޭ ރޫމުގައި ވަރަށް ދަންވަންދެން މެޑަމްއާ މެޑަމްގެ ޓީމު ކަރޯކޭ ޖައްސަން ތިބޭކަން ޗެނަލް13އަށް ކަށަވަރުވެފައިވެއެވެ. އެތަނުގައި ކަރޯކޭ އޭރު ޖެއްސެވި ބޭފުޅުންގެ ތެރޭގައި އަދުގެ ސަރުކާރުގެ ސްޓޭޓު މިނިސްޓަރުންނާ ކުންފުނިތަކުގެ އެމްޑީއިންވެސް ހިމެނެއެވެ.