އިލްމުވެރިން މުރުތައްދު ވެފައިވާ ކަމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ބުނި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ޖަލްސާއެއްގައި، ރީކޯ މޫސަ ވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނަކީ "މުރުތައްދުވެފައިވާ" ބައެއް ކަމަށް ބުނެފައެވެ. އެހެން އޭނާ ބުނެފައިވާތީ އެކަމާ ގުޅިގެން އެ މައްސަލަ ތަޙްޤީޤުކޮށްދިނުމަށާ އޭނާއަށް ފިޔަވަޅު އެޅުމަށް އެދި ފުލުހަށް ހުށަހެޅީ ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުންނެވެ.
ރީކޯގެ އެވާހަކަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ފުލުސް އޮފީހަށް ފޮނުވާފައިވާ ސިޓީގައި އެ ޖަމްއިއްޔާއިން ވަނީ، މި ހިނގާ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 6 ވީ އަންގާރު ދުވަހުގެ ރޭ މޫސާ މަނިކު ދެއްކި ވާހަކައަކީ ވަރަށް ނުރައްކާތެރި އަދި ޙައްސާސީ މައްސަލައެއް ކަމަށް ބުނެފައެވެ. އަދި އެ ވާހަކަތަކަކީ ދީނީ ޢިލްމުވެރިންނާ މެދު ނަފުރަތު އުފެއްދުމަށް ދައްކަވާފައިވާ ނޭއްގާނީ ދަށު ދަރަޖައިގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ޢިލްމުވެރިންގެ ގުޅުމުން ސިފަކޮށްފައިވެއެވެ.
އެ ސިޓީގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ޢިލްމުވެރިންނާ މެދު މިފަދަ ނުރައްކާތެރި ތުހުމަތުތައް ކުރުމަކީ، ޑރ. އަފްރާޝީމް ޢަލީ (رحمه الله) އެކޭ އެއްފަދައިން، މިހާރު ތިއްބެވި ދީނީ ޢިލްމުވެރިންގެ ފުރާނައަށް ވެސް ނުރައްކާވެދާނެ ފަދަ ޖަރީމާތަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމެކެވެ.
މޫސާ މަނިކުގެ އެ ޢަމަލަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެއްކަން ފާހަގަކޮށް، އެ ސިޓީގައި ޤާނޫނީ ތިން ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އެ ނުކުތާތަކުގެ ތެރޭގައި ހިމެނެނީ:
1. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2015): މީހުންނަށް އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ގޮތަށް "ތަކްފީރު" ކުރުމުގެ ފިކުރު ފެތުރުން ނުވަތަ މުސްލިމުން ކާފަރު ކުރުމަކީ ކުށެއް ކަމަށެވެ.
2. ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 6/1994): ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ އަދި މީހުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ މަނާކަމެއް ކަމަށެވެ.
3. ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު 6/2014): މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، މީހަކާ މެދު ނަފުރަތު އުފެއްދުމުގެ ގަސްތުގައި މީހަކީ މުރުތައްދެއް ކަމަށް އާންމު ތަނެއްގައި ތުހުމަތުކުރުމަކީ ކުށެއް ކަމަށްވެސް އެ ނުކުތާތަކުގެ ތެރޭގައި ފާހަގަކޮށްފައިވެއެވެ.
ސިޓީ ނިންމާލަމުން ޢިލްމުވެރިންގެ ގުޅުމުން ފުލުހުންގެ ކިބައިން އެދިފައިވަނީ އެ ނުކުތާތަކަށް ރިޢާޔަތްކޮށް، މޫސާ މަނިކާއި އޭނާގެ ދައްކާފައިވާ ވާހަކަތައް ލައިވްކޮށް ބްރޯޑްކާސްޓްކުރި ޗެނަލްގެ މައްސަލަ ތަޙްޤީޤުކޮށް، އެކަމާ ގުޅުން ހުރި ފަރާތްތަކާ މެދުގައި ޤާނޫނީ ފިޔަވަޅު އަޅައި ދިނުމަށެވެ.