theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ދުނިޔެ
ޕާކިސްތާން ސިފައިންގެ ޗެލެންޖެއް މޯދީ އަދި ތާލިބާނަށް: ހަތަރެސް ފަރާތުންވެސް އަންނަންވީ، އަހަރުމެން ތައްޔާރު
Aiminath Zawjah
އައިމިނަތް ޒަޢުޖާ
09 ޖެނުއަރީ 2026
މާލެ ސިޓީ

ޕާކިސްތާނުގެ ސަރަހައްދީ ރައްކާތެރިކަމަށް ބުރޫއަރުވައި، އެ ގައުމަށް ހަމަލާދޭން ރާވާ ކޮންމެ ފަރާތަކަށް ހައްގު ޖަވާބު ދިނުމަށް އެ ގައުމުގެ ސިފައިން ތިބީ ފުރިހަމައަށް ތައްޔާރަށް ކަމަށް ބުނެ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަށް ޕާކިސްތާން ސިފައިންގެ ތަރުޖަމާނު (ޑީޖީ އައިއެސްޕީއާރް) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޕާކިސްތާން ސިފައިން މިފަދަ ވަރުގަދަ ރައްދެއް ދީފައިވަނީ، އިންޑިއާގެ މީޑިއާތަކުން ފަތުރަމުންދާ ރިޕޯޓްތަކަކާ ގުޅިގެންނެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރު އިންޑިއާއާއި އަފްޣާނިސްތާން ގުޅިގެން ޕާކިސްތާނަށް ވަރުގަދަ ހަމަލާތަކެއް ދީ، އެ ގައުމުގެ ބައެއް ސަރަހައްދުތައް ހިފުމަށް ދަނީ ރާވަމުންނެވެ.

މިކަމާ ގުޅިގެން ޕާކިސްތާނުގެ އަސްކަރީ ތަރުޖަމާނު (ޑީޖީ އައިއެސްޕީއާރް) ވިދާޅުވެފައިވަނީ، ހަތަރެސް ފަރާތުން ހަމަލާދޭން އައި ނަމަވެސް ޕާކިސްތާނުގެ ދިފާއީ ބާރުތަކުން އެކަމަށް ފަސްނުޖެހޭނެ ކަމަށެވެ. "އަހަރުމެން މިތިބީ ކޮންމެ ފަދަ ހާލަތަކަށްވެސް ތައްޔާރަށް. ހަތަރެސް ފަރާތުންވެސް އަންނަންވީ، އަހަރުމެންގެ ރައްދު ފެންނާނެ،" އޭނާ ވިދާޅުވިއެވެ.

މި ރިޕޯޓްތައް ފެންމަތިވެފައިވަނީ ޕާކިސްތާނާއި އިންޑިއާގެ ގުޅުން އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި ތާލިބާން ހަނގުރާމަވެރިންނާއި ޕާކިސްތާން ސިފައިންނާ ދެމެދު ދޭތެރެ ދޭތެރެއިން ބަދަލުކުރެވޭ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮންޖެހުންތަކަށް ރައްދު ދެއްވަމުން ޕާކިސްތާނުން ބުނަމުންދަނީ މިއީ އިންޑިއާގެ ޕްރޮޕެގަންޑާ އެއް ކަމަށާއި، ގައުމުގެ އެންމެ އިންޗިއަކަށްވެސް ގެއްލުން ދިނުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށެވެ.

މި މައްސަލައިގައި އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް، މިފަދަ ރިޕޯޓްތަކާއި އެކު ދެކުނު އޭޝިއާގެ ސަލާމަތީ މަސްރަހު މިވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved