March 15, 2026
Advertisement
ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ / ރައީސް އޮފިސް

ރިޓަޔަރ ކުރެއްވުމަށްފަހު ސަރުކާރުގެ ވަޒީފާތަކަށް އައުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 9, 2026, 03:27 PM
މާލެ ސިޓީ

ޕެންޝަން ލިބި، ރިޓަޔަރމަންޓް އިނާޔަތް ލިބެމުންދާ ފަރާތްތަކުން އަލުން ސަރުކާރުގެ ވަޒީފާތަކަށް އައުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިރޭ ބޭއްވި ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement

ރައީސް ޔާމީން ވިދާޅުވީ، މީހަކަށް ރިޓަޔަރމަންޓް ދެނީ އެމީހެއްގެ ޚިދުމަތް ގަބޫލުކުރުމަށްފަހު، އެމީހެއްގެ ޚިދުމަތުގެ ދައުރު ނިމުމަކަށް އައުމުން ކަމަށެވެ. އެހެންކަމުން، ރިޓަޔަރ ކުރުމަށްފަހު އަނެއްކާވެސް ސަރުކާރުގެ ވަޒީފާއަކަށް އައުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ އުސޫލެއް ނޫން ކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް، އިންތިޚާބެއްގައި ވާދަކޮށްގެން ކާމިޔާބުވާ މަގާމުތަކަށް އައުމަކީ މި އުސޫލުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ރިޓަޔަރ ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ސަރުކާރުގެ އިސް މަގާމުތައް ދެމުންދާތީ އެކަމަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި ކިޔަވައިގެން ތިބި ތައުލީމީ، އިލްމީ އަދި ގާބިލު އެތައް ޒުވާނުންނެއް އެބަތިބި ކަމަށެވެ. އަދި ރިޓަޔަރ ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ވަޒީފާ ދިނުމުގެ ބަދަލުގައި، އެ ފުރުސަތުތައް ޒުވާނުންނަށް ދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރިޓަޔަރޑް މީހުންނަށް ވަޒީފާ ނުދީ މިގައުމުގަ ކިޔަވައިގެން ތިބި ތައުލީމީ އިލްމީ ގާބިލު އެތައް ޒުވާނުންނެއް ތިބިއިރު އެފަދަ ޒުވާނުންނަށް ދޭންވީނުތޯ ވަޒީފާ. މިހެން ހެދީމާ ނެތެއްނޫންތޯ ޒުވާނުންނަށް ފުރުސަތެއް މި ގައުމުގަ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރިޓަޔަރ ކުރައްވާފައި ތިއްބަވާ ބޭފުޅުންނަށް އަލުން ސަރުކާރުގެ ސިޔާސީ މަގާމުތަކާއި އިސް މަގާމުތައް ދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި، އޭގެ ސަބަބުން ގައުމުގެ ޒުވާން ޖީލަށް އޮތް ފުރުސަތުތައް ބަންދުވަމުންދާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved