ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ބޮޑު ސަރަހައްދަކަށް މޫސުމީ ސަމާޅު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ނެރުނު ހުދު ސަމާލު އެންމެ ފުރަތަމަ ނެރުނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށެވެ. އެ ސަމާލު ނެރުނީ ފަތިހު 5:15 އިން މެންދުރު ކުރި 11:00ގެ ނިޔަލަށެވެ. ނަމަވެސް އޭގެ ފަހުން މެޓުން ވަނީ ސަމާލު އިތުރަށް ދަންމާލާފައެވެ. އެގޮތުން ސަމާލު ދަންމާލީ ހަވީރު 5 ޖެހުމާ ހަމައަށެވެ.
މެޓުން ހާމަކޮށްފައިވާ ގޮތުގައި ސަމާލު ނެރެފައިވާ ވަގުތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު، ގުގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށް މެޓުން ފާހަގަކުރިއެވެ.
ރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު އެކި ހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަޑއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ. ކަނޑުތައް ގަދަވާނެ ކަމަށާ ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާ 7 ފޫޓާ ދެމެދުގައި ކަމަށްވެސް މެޓުން ހާމަކޮށްފައިވެއެވެ.
ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މެޓުން ކުރިން ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރަމުން ދާ ވިއްސާރައަކީ ރާއްޖެ ކައިރީގައި ކޮޅިގަނޑެއް އުފެދި، އެ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރަމުންދާތީ ކުރާ ވިއްސާރަ ކަމަށެވެ.
ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާ އެހެން ކަމުން ހޮނިހިރު ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.