ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފުލެޓަށް ކުރިމަތިލީ 40،000 އަށް ވުރެ ގިނަ އާއިލާގެ ހައްގުތަކަށް މި ސަރުކާރުން އަރައިގަންނަމުންދާ ކަމަށް ބުނެ "ހުޅުމާލެ ފޭސް 3 ޔޫނިއަން" އިން ރައީސް މުއިއްޒުގެ ސަރުކާރަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ.
މިކަމާ ގުޅިގެން އެ ޔޫނިއަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލެ، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރުތިލަފަޅުން ދޫކުރުމަށް ނިންމާފައިވާ 18,150 ފުލެޓާއި 14,300 ގޯއްޗަށް ކުރިމަތިލީ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓް ނުކޮށް ސަރުކާރުން ގަސްތުގައި ލަސްކުރަމުންދާ ކަމަށެވެ. މި މަސައްކަތް ލަސްކުރަނީ، ވާދޫ ކަނޑު ހުރަސްކޮށް ބްރިޖަކުން ގުޅާލެވެން ނެތް ފުށިދިއްގަރުފަޅަށް (ރަސްމާލެ) ރައްޔިތުން މަޖުބޫރުން ގެންދިއުމަށްޓަކައި ރާވައިގެން ހިންގާ އަމަލެއްގެ ގޮތުގައި އެ ޔޫނިއަންއިން ސިފަކުރެއެވެ.
ހުޅުމާލެ ފޭސް 3 ޔޫނިއަންއިން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ ރައްޔިތުންގެ ކުންފުނި އެމްޓީސީސީ އިން 400 މިލިއަން ޑޮލަރަށް ފުށިދިއްގަރުފަޅު ހިއްކައިދޭނެ ކަމަށް ހުށަހަޅާފައި ވަނިކޮށް، މި ސަރުކާރުން ވަނީ އެއަށްވުރެ 200 މިލިއަން ޑޮލަރު އަގުބޮޑުކޮށް، 600 މިލިއަން ޑޮލަރަށް ބޭރުގެ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކޮށްފައެވެ. މިއީ ސުވާލު އުފެދޭ، ކޮރަޕްޝަނަށް މަގުފަހިވާ އަމަލެއްގެ ގޮތުގައި އެ ޖަމިއްޔާއިން ތުހުމަތުކުރެއެވެ.
"ބްރިޖުން ގުޅާލެވޭ ސަރަހައްދުތަކުން 350 މިލިއަން ޑޮލަރަށް ވުރެ ކުޑަ ހަރަދަކުން 645 ހެކްޓަރުގެ ބިން ހިއްކައި، 52,000 އާއިލާއެއްގެ ދެލައްކައަށް ވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެން އެބައޮތް. އެކަން ހުއްޓާލާފައި އެތައް ސަތޭކަ މިލިއަން ޑޮލަރެއް ބޭކާރުކޮށް، ރައްޔިތުންގެ މުދަލުން ބޮޑު އިސްރާފެއް ކުރަމުންދާ ދިއުން ހުއްޓާލަންޖެހޭ،" ޔޫނިއަންގެ ބަޔާނުގައިވެއެވެ.
ކުރީ ސަރުކާރުގެ ބިންވެރިޔާގެ 2 ވަނަ ސްކީމުިން ހުޅުމާލެ އާއި، ގުޅީފަޅާއި، ގިރާވަރުފަޅާއި، އަދި އުތުރުތިލަފަޅުން ދިނުމަށް ނިންމާފައިވާ 18150 ފުލެޓަށް 21247 ފޯމް ހުށަހަޅާފައިވެއެވެ. ފޯމް ހުޅަހެޅި ފަރާތްތަކުގެ ނަމާއި އެޑްރެހާއި އެކު ގެޒެޓްކުރެވިފަިވާ ސަރުކާރު ގެޒެޓްގެ ލިންކް… pic.twitter.com/BI24VJLDLJ
— Hulhumalé Phase 3 Union (@phase3union) January 13, 2026
އެ ޔޫނިއަންއިން ވަނީ ބިންވެރިޔާގެ ދެވަނަ ސްކީމަށް ފޯމު ހުށަހަޅާފައިވާ އެއްވެސް ފަރާތަކުން، ފުށިދިއްގަރުފަޅަށް ދިއުމަށް ފޯމު ހުށަނޭޅުމަށް ބާރުއަޅާފައެވެ. ސަބަބަކީ އެތަނަކީ އަސާސީ ހިދުމަތްތައް ގާއިމުކުރަން އިންތިހާއަށް ހަރަދު ބޮޑު އަދި މާލެއާ ބްރިޖަކުން ގުޅާލެވޭނެ ތަނަކަށް ނުވުމެވެ.
ކުރީ ސަރުކާރުން އުތުރުތިލަފަޅުން ފެށިގެން ރަސްފަރި ފަޅާ ހަމައަށް ކުދި ބްރިޖުތަކުން ފަސް ފަޅެއް ގުޅާލައި، 3200 ހެކްޓަރުގެ ބިން އިތުރުކުރެވެން އޮތް ޕްލޭނަށް އިސްކަން ދިނުމަށް ރައީސް މުއިއްޒަށް ވަނީ އާދޭހާއެކު އިލްތިމާސްކޮށްފައެވެ. މި ސަރަހައްދަކީ މިހާރު ހުށަހަޅާފައިވާ އާއިލާތަކުގެ އިތުރުން 25,000 އާއިލާއަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެ ސަރަހައްދެއްކަން ވެސް އެ ޔޫނިއަންއިން ފާހަގަކުރިއެވެ.