ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުން އަދި ކައުންސިލްތަކުން އާންމު ރައްޔިތަކަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަން ސަރުކާރުގެ އަމަލު ތަކުން ބުނެދެއެވެ.
އެގޮތުން "ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން"، ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި މިބަހުން އެނގެނީ ކައުންސިލްތަކުން ސަރުކާރުގެ ކިބައިން ކުރާންޖެހޭ އުންމީދެއް އޮވެގެން ނުވާނެ ކަމެވެ.
މީގެން ދަސްކުރަންޖެހޭ ފިލާވަޅަކީ އަތޮޅުތެރޭގެ ރައްޔިތުން ކޮންމެހެން ސަރުކާރުން ބޭނުންވާ ބަޔަކު ހޮވިޔަސް ނުހޮވިޔަސް އެ ރަށަކަށް ވާނެ ފައިދާއެއް ނެތްކަމެވެ.
"ރަށަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަން ނުވީ ކީއްވެތޯ، ސަރުކާރު މަޖިލިސް މެމްބަރެއްގެ ގާތުއަހާލިއަސް ސުލޫކީ މައްސަލައެއް ކަމަށް ބަލާ އާދަނު ވުޒާރާއިން ސަސްޕެންޑު ކުރެވިދާނެ ކަން"، ސަރުކާރުގެ ކައުންސިލް މެމްބަރަކު ވިދާޅުވެފައިވެއެވެ. ބަޖެޓުގައި އަތޮޅުތެރޭގައި ހިންގާނެ މަޝްރޫއުތަކުގެ މައުލޫމާތު ހިމެނުމަކީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ސަރުކާރު މަޖިލިސް މެމްބަރުން ވަނީ ނިންމާފައެވެ. އަދި ވަކި އެއްވެސް ދާއިރާއެއްގައި ހިންގަން ފަށާފައިވާ މަޝްރޫއު އެއް ސަރުކާރު މަޖިލިސް މެމްބަރަކު ސާފު ކުރުމަށް ދައުލަތުގެ ވުޒާރާއަކަށް ގޮސްފިނަމަ އެ މެމްބަރަކު ބުލެކް ލިސްޓު ވީއެވެ.
"މިހާރު އެންމެ ގިނައިން ރައީސް ގެ ފަރާތުން ލިބޭ މެސެޖަކީI am" very disappointed" މިއީ ކަމަށް ސަރުކާރު މަޖިލިސް މެމްބަރަކު ވިދާޅުވެފައިވެއެވެ.
ގާނޫނު އަސާސީއާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި އަމަލު ކުރަމުން ގޮސްފައިވާ އުސޫލުން ނަމަ މަޖިލިސް މެމްބަރުން ކޮންމެ ފަޅިއެއްގައި ތިބި ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ކަން ކޮށްފައިވާ ގޮތެވެ. ރައްޔިތުންގެ މަޖިލިސް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކާއި އަންހެނުން ކުރިއަރުވާ ކޮމެޓީތަކަކީ ދާއިރާތަކުގެ، އަތޮޅުތަކުގެ އަދި ރަށްރަށުގެ ކުރިއެރުމާއި އެއްބައެއްގެ ތޮގުގައި ގެންގުޅުމުގެ އެއް ނާރެހެވެ.
ނަމަވެސް، މުއިއްޒު ތަފާތު ދައްކައިފިއެވެ. “މޯޑީ ހޯތޭތޯ ހޯގާ” ބުނެ އަވަށްޓެރި ގައުމެއްގެ ކެމްޕެއިން ކުރި ގޮތަށް ރާއްޖެވެސް ބަދަލުވީއެވެ. ރައްޔިތުންގެ މަޖިލީހުގެ ވަރަ ބިނދުނީއެވެ. އަތޮޅު ކައުންސިލް ނިޒާމުން ގެއްލުނީއެވެ. ރަށު ކައުންސިލްތައް ދަތް ނެތް ސިންގާއަކަށް ބަދަލުވީއެވެ. ސިޓީ ކައުންސިލްތަކަކީ ސަރުކާރާއި ސީދާ މުއާމަލާތް ކުރެވޭ ތަންތަނެއް ނޫނެވެ. ހައްގެއް ހޯދަން ދާނެ ތަނެއް ނެތެވެ.
މިއަދުގެ ހަގީގަތަކީ މަޖިލިސް، ސިޓީ ކައުންސިލް، ރަށު ކައުންސިލް އަދި އަންހެނުންގެ ތަރަށްގީއަށް މަސައްކަތް ކުރަން ހޮވާ މީހުންނަކީ ހަމައެކަނި މުސާރައަކަށް ދާ ތަންތަން ކަމުގައެވެ. އާއިލާތަކުގެ ބޮޑުކަމާއި ސަރުކާރުން ވޯޓާއި ތާއީދަށް މޮޑޭ ފުށްގަނޑަކަށް ވީއެވެ. ރައްޔިތުންގެ މަޖިލިސްއަށް ލިބިދީފައިވާ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރު ދޫކޮށްލާ ސަރުކާރުގެ މެމްބަރުންނަށް ވާން އެއްބަސްވެ ބަޖެޓު ހެދުމުގެ އުސޫލުތަކާއި ހިލާފަށް ފާސްކުރަން އެއްބަސްވި ހިސާބުން ސަރުކާރުގެ މަޖިލިސް މެމްބަރުންގެ ބާރު ގެއްލުނީއެވެ. އަތޮޅުތަކުން ސަރުކާރަށް ކާމިޔާބީތަކެއް ނެތްކަން އެނގުނު ހިސާބުން އަތޮޅު ކައުންސިލްތައް އުވާލުމަކީ ހުދުމުހުތާރު އަމަލެކެވެ.
އެހެންނަމަވެސް މިއީ މިއަދުގެ ހަގީގަތެވެ. އިންތިހާބެއްގެ ބަހާރު މޫސުމް އައީއެވެ. ސަރުކާރުން ބުނީ ސަރުކާރު ފަޅީގެ މަޖިލިސް މެމްބަރުންނަށް ހޮވީމާ އަތޮޅުތަކާއި ރަށްތައް ތަރައްގީ ވީއެވެ. ވީވައުދުތައް ނޯޓު ކޮށްލި މީހަކު ނެތެވެ. ސަރުކާރު މަޖިލިސް މެމެބަރުންވެސް ތިބީ 50،000ރ ނޫނީ 75،000ރ އަށްތޯ ކޮލިފައިވަނީ އަމިއްލައަށް ސުވާލު ކޮށްލަކޮށްލައެވެ. ބިރުން ވިރިވިރި އެވެ. ކާކުދެކެ ތޯއެވެ. ވަލީއުލް އަމުރެވެ.
ރާއްޖޭގެ ރައްޔިތުން ގާތު އާދޭސް ކޮށްގެން ގާނޫނު އަސާސީއާއި ގާނޫނު ތަކުގައި ވާގޮތަށް ވެރިކަން ކޮށްދޭނެ ކަމަށް الله ގަންދީ ހުވާކުރަމުން ވެރިކަމަށް ހޮވި ހާދިމެއް ދެކެއެވެ. އާނ އެކެވެ. ވެރީންނަކީ ރައްޔިތުންނެވެ. އެ ހައްގު ގެއްލުވާލެވުނީއެވެ. ސަރުކާރުގެ ބަސްތަކާއި އަމަލުތަކުން އެގެނީ ރައްޔިތުންނަކީ ޗާބީ ދީފައި ދޫކޮށްފައިވާ ބުދު ތަކެއް ކަމެވެ. އާރެއް ބާރެއް ނެތް ބައެއްކަމެވެ. ރައްޔިތުންގެ މަޖިލިހަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ރައްޔިތުންގެ ހައްގުގައި އެއްޗެއް ބުނުން މަނާބައެކެވެ. ދައުލަތް ބޮއްސުންލިއަސް ގައުމު ބަނގުރޫޓުވިއަސް އެއްޗެއް ނުބުނެވޭނެއެވެ. ކައުންސިލްތަކުގެ ހައިސިއްޔަތު މުއިއްޒު ހާމަ ކުރެއްވީއެވެ. ސަރުކާރުން ރަށްރަށުގެ ރައްޔިތުންނާއި މެދު ކުރާނެ އުންމީދެއް އޮވެގެން ނުވާނެކަމެވެ. 2024އިން ފެށިގެން މަޖިލިހަކީ ސަރުކާރު މެމްބަރުންނަށް އާމްދަނީ ހޯދާ ވަޒީފާއެކެވެ. ކައުންސިލް މަގާމުތަކަކީ ސަރުކާރު ކައުންސިލަރުންނަށް އާމްދަނީ ހޯދާ ވަޒީފާއެކެވެ. އެއްވެސް ޒިންމާއެއް ނެތެވެ. ސަރުކާރުން އަންގާ ގޮތަށް އަމަލު ކުރުމަކީ އަސާސީ ޒިންމާއެވެ. ގާނޫނީ ޒިންމާއެއް ނެތެވެ.
މާލޭ ސިޓީ ކައުންސިލުގައި އެޖެންޑާ ކުރާ ކަންކަމަށް ބަލާ ސަރުކާރު ފަޅިއަށް ތާއީދު ކުރާ މެމްބަރުންގެ ކަމަކީ ވޯކް އައުޓު ކުރުމެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ. ގާނޫނުތަކުން ހަވާލުކޮށްފައިވާ ޒިންމާ އުފުލާނެ ރައްޔިތުންގެ މަޖިލީހެއް މިއަދު ނެތްކަމަށް ބުނުން ޖާއިޒް، މުއިއްޒު ބަސް އިއްވައިފި ކައުންސިލްތަކަކީ ސަރުކާރުގެ ފަރާތުން ކަމެއް ވާނެ ކަމަށް އުންމީދު ކޮށްގެން ވާނެ ބައެއް ނޫން ކަމެވެ.
މި ދަނޑިވަޅުގައި ރައްޔިތުން ތަމްސީލު ކުރާން މަޖިލީހަށް ވަދެ ތިބި އިދިކޮޅު މެމްބަރުންނަށް ޝުކުރު ހައްގެވެ. އަދި ކައުންސިލްތަކުގެ ތެރެއިން ވާދަވެރި ވިސްނުމުގެ މެމްބަރުންގެ ހިދުމަތްތަކަށް ޝުކުރު ހައްގެވެ. ހަމަ ކަށަވަރުންވެސް ކަމެއް ނުވާނެ ބަޔަކަށް މުސާރަ ދީފައި ކައުންސިލް ތަކަށް ބަޔަކު ވައްދާނީތޯ ރައްޔިތުންގެ ހައްގު ހިމާޔަތް ކުރާނެ ބަޔަކު ހޮވާނީތޯ މިއީ މިއަދުގެ ސުވާލެވެ. ހުދުމުހުތާރު ވެރީންގެ ކުރިމަތީ ހައްގުބަސް ބުނުމަކީ މަތިވެރި ޖިހާދެކެވެ.