theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
މާލޭގެ މޭޔަރު އާދަމް އާޒިމް / މާލެ ސިޓީ ކައުންސިލް
ސިޔާސީ
މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓް މިހާރުގެވެސް މޭޔަރު އާދަމް އާޒިމަށް!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
16 ޖެނުއަރީ 2026
މާލެ ސިޓީ

ކުރިއަށް އޮތް އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީ، މިހާރުވެސް އެ މަގާމުގައި ހުންނެވި އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ.

މާލޭގައި މިއަދު ކުރިއަށްދިޔަ މި ވޯޓުލުމުގައި، މިހާތަނަށް ގުނި ހުރިހާ ފޮށްޓެއްގެ ނަތީޖާއަށް ބަލާއިރު އާދަމް އާޒިމް ވަނީ ބޮޑު އަގުލަބިއްޔަތެއް ހޯއްދަވާފައެވެ. އޭނާއާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށް ލިބިވަޑައިގަތީ ނިސްބަތުން މަދު ވޯޓުކޮޅެކެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ޖުމްލަ ސައްހަ ވޯޓުގެ 60 އިންސައްތައަށްވުރެ މަތީ އަދަދެއް އާދަމް އާޒިމް ވަނީ ކާމިޔާބު ކުރައްވާފައެވެ.

ނަމަވެސް، އާޒިމް މި ޓިކެޓް ކާމިޔާބު ކުރެއްވި އިރު، އޭނާގެ މިހާރުގެ ދައުރުގައި މާލެ ސިޓީ ކައުންސިލްގެ ހިންގުން އިންތިހާޔަށް ދޯދިޔާވެފައިވާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އަސާސީ މައްސަލަތައް ހައްލުކުރުމުގައި ކައުންސިލް ނާކާމިޔާބުވެފައިވާ ކަމަށާއި، މަގުތައް މަރާމާތު ކުރުމާއި ކުނި މެނޭޖްކުރުން ފަދަ ކަންކަމުގައި އާޒިމްގެ އިސްނެންގެވުމެއް ނެތް ކަމުގެ ޝަކުވާތައް ދަނީ އިތުރުވަމުންނެވެ.

މީގެ އިތުރުން، ސިޓީ ކައުންސިލްގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކައުންސިލްގެ ބައެއް މަޝްރޫއުތައް ކުރިއަށްގެންދާ ކަމަށާއި، ބަޖެޓުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުކުރާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

އާދަމް އާޒިމް ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު، މާލޭގެ ގިނަ ރައްޔިތުން ތިބީ އޭނާގެ ފާއިތުވި ދުވަސްތަކުގެ މަސައްކަތާ މެދު މާ ބޮޑު ހިތްހަމަޖެހުމެއްގައެއް ނޫނެވެ. މޭޔަރު ކަމުގައި ހުންނަވައިގެން ސިޔާސީ ޕްރޮޕަގަންޑާ ފެތުރުމަށް ވުރެ ބޮޑަށް، މާލޭގެ ތަރައްގީއަށް އެއްވެސް އަމަލީ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އޭޕްރީލް މަހުގެ އިންތިޚާބުގައި އާޒިމް ނުކުންނަވާނީ ސަރުކާރު ކޯލިޝަނާއި އެހެނިހެން ޕާޓީތަކުގެ ކެންޑިޑޭޓުންނާ ވާދަކުރުމަށެވެ. އެހެންނަމަވެސް، ކައުންސިލްގެ ތެރޭގައި އޮތް ކޮރަޕްޝަނާއި ހިންގުމުގެ ދޯދިޔާކަމުގެ ސަބަބުން އޭނާއަށް އާންމު އިންތިޚާބުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?