މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާއިން އެ ސަރަހައްދުގައި ދަމަހައްޓަމުން އަންނަ އަސްކަރީ ޙާޟިރީ އިތުރަށް ވަރުގަދަކޮށްފިއެވެ. ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހު އެމެރިކާއިން މި ސަރަހައްދުގައި ފައިތިލަ ސާބިތުކޮށްފައިވާއިރު، މިހާރު މަދުވެގެން 19 ތަނެއްގައި 40,000 އާއި 50,000 އާއި ދެމެދުގެ އަދަދަކަށް އެމެރިކާ ސިފައިން ދަނީ ޙަރަކާތްތެރިވަމުންނެވެ.
މި ސިފައިން އެންމެ ގިނައިން ތިބީ ޤަޠަރު، ކުވައިތު، ބަޙްރައިން އަދި ޔޫއޭއީ ފަދަ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައެވެ. މީގެ އިތުރުން އިރާޤާއި ސޫރިޔާގައިވެސް އެމެރިކާގެ ސިފައިން ތިބިއިރު، މިއީ އެ ސަރަހައްދުގެ މިނިވަންކަމަށް އޮތް ހުރަހެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
އެމެރިކާގެ މި އަސްކަރީ ޙާޟިރީގެ ސަބަބުން ސަރަހައްދީ ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޚާއްޞަކޮށް، ފަލަސްޠީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާނަށް އެމެރިކާއިން ފާޅުގައި އެހީތެރިކަން ފޯރުކޮށްދެމުންދާތީ، މެދުއިރުމަތީގެ ގިނަ ޤައުމުތަކަކުންނާއި ޢާންމު ރައްޔިތުން ދަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެމެރިކާގެ މަނަވަރުތަކާއި ހަނގުރާމަމަތީ ބޯޓުތައް މެދުއިރުމަތީގެ ކަނޑުގެ ސަރަހައްދުތަކުގައި ފޯރިމަރަމުންދަނީ އިސްރާއީލަށް ޙިމާޔަތް ދިނުމުގެ ބޭނުމުގައި ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އިސްރާއީލަށް ދެމުންދާ ބޮޑު ތާއީދާއި، އީރާނާއެކު އޮތް ގުޅުން ގޯސްވެގެން ދިޔަ ގޮތުން، މެދުއިރުމަތީގައި ހަނގުރާމައިގެ ހުޅުގަނޑު އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
The US has maintained a military presence in the Middle East for decades, currently stationing between 40,000 and 50,000 troops across at least 19 sites. #Infograph pic.twitter.com/VlK0lNIf68
— Al Jazeera English (@AJEnglish) January 16, 2026
މިއާއިއެކު، ޔަމަނުގެ ޙޫޘީންނާއި، ލުބުނާނުގެ ޙިޒްބުﷲ ފަދަ ޖަމާޢަތްތަކުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާދިނުން ވަނީ އިތުރުވެފައެވެ. މިއީ އެމެރިކާއިން އިސްރާއީލަށް ދޭ އެއްބާރުލުމާ ދެކޮޅަށް ކުރާ ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ބުނެއެވެ. އެހެންކަމުން، އެމެރިކާގެ މި ވަރުގަދަ އަސްކަރީ ޙާޟިރީއަކީ ސަރަހައްދުގެ ސުލްޙައަށް އޮތް މަގެއްގެ ބަދަލުގައި، ހަމަނުޖެހުން އިތުރުވާން މެދުވެރިވާ މައިގަނޑު ސަބަބަކަށް ވަނީ ވެފައެވެ.