March 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޝަހީދު ލެގަސީގެ ވަކިވުމާއިއެކު "ޓޫއޮފްއަސް" ބޭންޑް ނަންއޮފްއަސްއަށް؟

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 18, 2026, 03:56 AM
މާލެ ސިޓީ

ރާއްޖޭގެ މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ މަޝްހޫރު ބޭންޑް "ޓޫއޮފްއަސް" ގެ ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެ ބޭންޑުން ވަކިވެއްޖެއެވެ. ޝަހީދު މި ނިންމުން ނިންމާފައިވަނީ ބޭންޑުގެ މާލީ މުއާމަލާތްތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ސީރިއަސް ތުހުމަތުތަކަކާ އެކުގައެވެ.

Advertisement

މިއުޒިކީ ދާއިރާގައި 25 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށް، ބޮޑު ތަޖުރިބާއެއް ހޯދާފައިވާ ޝަހީދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޭންޑުން ވަކިވާން ނިންމި މައިގަނޑު ސަބަބަކީ މާލީ ކަންކަން ދެފުށް ފެންނަ ގޮތަކަށް ބަލަހައްޓަމުން ނުދިއުން ކަމަށެވެ. އަދި މަސައްކަތުގެ އުޖޫރައިގެ ގޮތުގައި އެއްބަސްވެފައިވާ ފައިސާ ނުލިބޭ ކަމަށާއި، އޭނާގެ ދިގު މުއްދަތުގެ ތަޖުރިބާއަށާއި ހުނަރަށް އެއްވެސް ގަދަރެއް ނުކުރާ ކަމުގެ އިހުސާސް ކުރެވޭ ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

ޝަހީދު ނެރުނު ބަޔާން
ޝަހީދު ނެރުނު ބަޔާން

"ޓޫއޮފްއަސް" އަކީ ރާއްޖޭގެ ރިސޯޓު މިއުޒިކް ދާއިރާގައާއި، އާންމު އިވެންޓުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބޭންޑެކެވެ. ޚާއްސަކޮށް އެ ބޭންޑުގެ ތަފާތު ހުށަހެޅުންތަކާއި، މިއުޒިކީ ފެންވަރުގެ ސަބަބުން ގިނަ ބައެއްގެ ލޯބި ވަނީ ހޯދާފައެވެ. ނަމަވެސް، ފަހަކަށް އައިސް ބޭންޑުގެ އެތެރޭގެ މައްސަލަތައް ވަނީ ފެންމަތިވާން ފަށާފައެވެ.

ޝަހީދު ލެގަސީގެ ވަކިވުމުގެ ކުރިން، މި ބޭންޑުގައި މީގެ ކުރިން މަސައްކަތް ކުރި ހުނަރުވެރި ލަވަކިޔުންތެރިޔާ ނަސޫހް (ނަސޫ) ވެސް ވަނީ ބޭންޑުން ވަކިވެފައެވެ. ނަސޫހް ވަކިވި އިރުވެސް ބޭންޑުގެ ހިންގުމާއި މާލީ ކަންކަމާ ގުޅޭ ގޮތުން އެކި ކަހަލަ ވާހަކަތައް ދެކެވުނެވެ. މިގޮތުން ބޭންޑުގެ މެންބަރުންގެ މެދުގައި އޮންނަންޖެހޭ އިތުބާރާއި ދެފުށް ފެންނަ އުސޫލުތައް ގެއްލެމުންދާ ކަމުގެ ކަންބޮޑުވުން އޭރުވެސް އޮތެވެ.

ޝަހީދު ފަދަ ތަޖުރިބާކާރު މިއުޒީޝަނަކު ބޭންޑުން ވަކިވުމަކީ "ޓޫއޮފްއަސް" އަށް ލިބުނު ބޮޑު ފަޅުކަމެކެވެ. އޭނާގެ ބަޔާނުގައި ބުނެފައިވާ ގޮތުން، މިއުޒިކީ ދާއިރާގައި ހޭދަކުރި 25 އަހަރުގެ ތެރޭގައި މިފަދަ ކަންތައްތަކަކާ ކުރިމަތިލާން ޖެހުމަކީ ހިތާމަހުރި ކަމެކެވެ.

މި މައްސަލައާ ގުޅިގެން "ޓޫއޮފްއަސް" ބޭންޑުގެ ފަރާތުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ބޭންޑުގެ އެންމެ މުހިންމު ތަނބުތައް ކަމަށްވާ ނަސޫހް އާއި ޝަހީދު ވަކިވުމާއެކު، ބޭންޑުގެ މުސްތަގުބަލާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. މިއުޒިކީ ދާއިރާގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، މިއީ ރާއްޖޭގެ ބޭންޑްތަކުގެ މެދުގައި މާލީ ހާމަކަން ބޮޑުކުރުމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ.

މީގެ އިތުރުން، ބޭންޑްގެ މެންބަރު އަދުހަމްގެ މާލީ މައްސަލަތަކެއްގެ ތުހުމަތުތަކެއް މިފަހުން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved