އީފާސް މެދުވެރިކޮށް ތާއީދު ހޯދާ މީހުން ހުށަހަޅަން އޮތުމަކީ ފުރުސަތު ހަނިކުރުން ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕިއެންއެފްގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އިންތިހާބުތަކުގައި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަ ކުރާ ކެންޑިޑޭޓުންނަށް ދާއިރާގެ 50 މީހުންގެ ސޮއި ހުށަހަޅަން ގާނޫނުން ލާޒިމުކުރާ ކުރުމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ، ޑިޖިޓަލައިޒްޑް ސިސްޓަމެއްގެ ތެރެއިން މިހާރު އެޕްލިކޭޝަންތައް ހުށަހަޅަން އޮތްއިރު ރާއްޖޭގެ ވޯޓު ލެވޭ އާބާދީގެ ކިތައް އިން ސައްތަ އީފާސް ހަދައިފި ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
އެގޮތުން އިލެކްޝަން ކޮމިޝަނުން އެފަދަ ގޮތަކަށް އަމަލުކުރުމުން ރާއްޖޭގައި ގާނޫނު އަސާސީގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންތިޚާބުތަކުގައި ވޯޓުލުމާއި އަދި ބައިވެރިވުމަށް ދީފައިވާ ދުސްތޫރީ ޙައްގުތައް ހަނި ވެގެންދާކަން ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ އޭގެ ބަދަލުގައި އެ ފުރުސަތު ފުޅާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެކަން ގާނޫނު އަސާސީގެ 68 ވަނަ މާއްދާއާ 69 މާއްދާކަށް ބަލާލުމުން ސާފުވާކަން ހާމަކުރައްވާ ޑރ ޖަމީލު ވަނީ ޚާއްސަކޮށް އާބާދީގެ ވޯޓު ދިނުން ޙައްގު ހުރިހާ ރައްޔިތުން އީފާސް ހައްދާފައިވޭތޯ ކަށަވަރު ކޮށްފައިވޭތޯ ސުވާލު އުފައްދަވާފައެވެ.
އެކަން އެގޮތަށް ނުކޮށް އޮތްނަމަ މިހާރު ކެންޑިޑޭޓުން 50 މީހުންގެ ސޮއި ހޯދަން އޮތް އޮތުން ސައްޙަވާނެ ގާނޫނީ މަގަކީ ކޮބައިތޯ ސުވާލުއުފައްވާ ޑރ ޖަމީލު ވަނީ އެކަން ލާޒިމް ކުރާ ގާނޫނީ ނައްސަކީ ކޮބައި ކަމާ މެދު ވެސް ސުވާލު އުފައްދަވާފައެވެ.
މިކުރަނީ އާދައިގެ ކަމެއް ނޫން. @ElectionsMv މިގޮތަށް ލާޒިމް ކުރަން ބާރު ހޯދީ ކޮން ގާނޫނަކުންތޯ؟
— Mohamed Jameel Ahmed (@MJameelAhmed) January 19, 2026
ރާއްޖޭގައި ގއ 26 ވަނަ މ ގައި އިންތިޚާބު ތަކުގައި ވޯޓުލުމާއި އަދި ބައިވެރިވުމަށް ދީފައިވާ ދުސްތޫރީ ޙައްގުތައް ހަނި ކުރުމުގެ ބަދަލުގައި ކުރަންވީ ފުޅާ. އެކަން ގއ ގެ 68 ، 69 އަކަށް… https://t.co/qw273L0dON
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރާ ނަމަ ދާއިރާގެ 50 މީހުންގެ ސޮއި ހޯދަން އޮތްއޮތުމުގެ ތެރެއިން ކެންޑިޑޭޓު ޚިޔާރުކުރާ ބަޔަކަށް އެ ދައުވަތު ގަބޫލުކުރަން އީސީއިން ފޮނުވާ ލިންކު ދާނީ އެމީހެއްގެ އީފާސް މެދުވެރިކޮށް ފޯނަށެވެ. ފޯނަށް ލިންކުދާނީ އެސްއެމްއެސެއް މެދުވެރިކޮށް ކަމަށް އީސީއިން ހާމަކޮށްފައިވެއެވެ.