
ސްކޫލުތަކުގައި ކިޔަވައިދޭ އެހެން ހުރިހާ މާއްދާތަކެއް އިނގިރޭސި ބަހުން ކިޔަވައިދެވޭއިރު، އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައި ނުދޭންޖެހޭ ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައިވަނީ، ސްކޫލްތަކުގެ އިސްލާމް ފޮތްތަކުގައި ހުންނަ ބައެއް ފިލާވަޅުތަކާއި ބަސްމަގު ހުންނަ ގޮތުން ދަރިވަރުންނަށް އެ ތަކެތި ދޭހަވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ބުނެ އާންމުންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. ވަކި ބަހަކުން ކިޔަވައިދިނުމަށްވުރެ ބޮޑަށް، ދީނީ މައުލޫމާތު ކުދިންނަށް ސާފުކޮށް އޮޅުންފިލުމަކީ މުހިންމު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން ޚިޔާލު ފާޅުކުރައްވަމުން ރޮޒައިނާ ވިދާޅުވީ، ދަރިވަރުންނަށް އެހެން މާއްދާތައް އިނގިރޭސި ބަހުން އުނގަންނައިދީގެން ފަހުމްވާ ނަމަ، އިސްލާމް މާއްދާވެސް އެ ބަހުން ކިޔަވައިދިނުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި އޭރުން ދީނީ މައުލޫމާތުތައް ދަރިވަރުންނަށް މިހާރަށްވުރެ ބޮޑަށް ސާފުވެ، އޮޅުންފިލާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ބަހުސް އުފެދިފައި މިވަނީ، ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ދިވެހި ބަހާއި އިސްލާމް ފިޔަވައި އެހެން ހުރިހާ މާއްދާއެއް އިނގިރޭސި މީޑިއަމަށް ކިޔަވައިދެމުންދާތާ ގިނަ އަހަރުތަކެއް ވެފައިވަނިކޮށެވެ. ނަމަވެސް، އިސްލާމް މާއްދާ އިނގިރޭސި ބަހަށް ބަދަލުކުރުމާ މެދު ދީނީ އިލްމުވެރިންނާއި ތައުލީމީ ދާއިރާގެ ބައެއް ބޭފުޅުންގެ މެދުގައި ތަފާތު ޚިޔާލުތައް އެބަހުއްޓެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައި ވާއިރު، އިސްލާމް މާއްދާ ދަރިވަރުންނަށް ބޮޑަށް ފަހުމްވަނީ އިނގިރޭސިބަހުން ކަމަށްވާނަމަ، އެ މާއްދާ އިނގިރޭސިބަހުން ކިޔަވައިދިނުމަކީ މައްސަލައެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ވަނީ ވިދާޅުވެފައެވެ.










