ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް) ގެ އޮތީ ހަމަ އެކަނި ނަމެއް ކަމަށާއި އެ ޕާޓީގެ ފުރާނައެއް މިހާރު ނެތްކަމަށް ކުރިޔަށް އޮތް މަޖިލިސް އިންތިޚާބްގައި ޕީއެންއެފްގެ ފަރާތުން ހިތާދޫ ދާއިރާ އަށް ވާދަކުރައްވާ ޝަރީފާ ސައީދު ވިދާޅުވެއްޖެއެވެ.
ޝަރީފާ މިފަދައިން ވިދާޅުވެފައިވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބްގައި ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ސިޔާސަތު ހުށަހެޅުމަށް ފްރޮންޓް އޮފީހުގައި ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ޝަރީފާ ވިދާޅުވީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބްގައި ފެންނަނީ ސަރުކާރުގެ ކެންޑިޑޭޓުން އެކަނިކަމަށެވެ. ސަރުކާރުގެ ފަރާތުން ކެންޑިޑޭޓުން ތިބޭނެތޯ އައްސަވާ ޝަރީފާ ވަނީ ސުވާލުވެސް އުފައްދާފައެވެ. ރައީސް ޔާމީންގެ ބުރަ މަސައްކަތުން އުފެއްދި ދެ ޕާޓީ ބަޔަކު ފޭރިގަނެގެން އެތަނުގައި ގެންގުޅުއްވަނީ ދޯހަޅި ފިކުރެއްކަމަށްވެސް ޝަރީފާ ފާހަގަކުރެއްވިއެވެ.
ރިޔާސީ އިންތިޚާބްގައި ހުރިހާ ރަށަކުން ވެސް ފެނުނީ ޕީޕީއެމްގެ ކުލަ ފިޔާތޮށި ކަމަށާއި މިއަދު ފެންނަމުން ދަނީ އެހެން ކުލައެއް ކަމަށްވެސް ޝަރީފާ ވިދާޅުވެފައެވެ.
ޕީޕީއެމްގެ ކުލައަކީ ރާއްޖޭގެ ރައްޔިތުން ލޯބި ކުރި ކުލައެއް
ޝަރީފާ އިތުރަށް ވިދާޅުވީ އަންހެނުން ބާރުވެރިކުރުމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަބަދުވެސް އިސްވެ ހުންނަވާ ކަމަށާ އެމަނިކުފާނުގެ ޕާޓީން އަބަދުވެސް އެކަމުގައި އެއްބާރުލުން ދޭކަމަށެވެ.
ރައީސް ޔާމީންގެ ޕާޓީގެ ފަރާތުން ހިތާދޫ ދާއިރާއަށް ވާދަކުރެއްވުމަށް ފުރުސަތު ލިބުމުން އެކަމަށް ޝުކުރު ކުރާކަމަށާއި ޕީއެންސީން ވަކި މީހަކަށް ވަކި ގޮތަކަށް ކަންތައް ކުރައްވަމުންގެންދަވާ ވާހަކަވެސް ޝަރީފާ ވަނީ ވާހަކައިގައި ފާހަގަކުރައްވާފައެވެ.