
ދިވެހިރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ދާނަމަވެް ރައީސުލްޖުމްހޫރިއްޔާ ކަންކަން ހއްލުކުރައްވަން މަސައްކަތް ނުކުރައްވާކަމުގެ ތުހުމަތު، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ކުރައްވައިފިއެވެ.
ނިމިދިޔަ އަހަރު ދަރަނި ދެއްކުމަށް އިންޓަރެސްޓާ އެކު ކުރި ޚަރަދު މަޝްރޫއުތަކަށް ކުރި ޚަރަދަށް ވުރެ ބޮޑުކަމަށް ހިސާބުތަކުން ދައްކާފައިވެއެވެ.
އެކަމަށް އިޝާރާތްކުރައްވާ މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވެއްޖެ ކަމަށާ އެއާއެކު ސުވާލު އުފެދެނީ އެ ހާލަތު ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔަ ކުރައްވާ ކަމާމެދުގައި ކަމަށެވެ.
އެ ސުވާލުގެ ޖަވާބަށް ވިސްނާލާއިރު ފެންނަން އޮތީ ކަންކަން ހައްލުކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ޒިންމާ އަދާކުރަން ކުޑަ މިނިން އިށީންނާނެ ގޮނޑިއެއް މޭޒެއްވެސް ނެތް ހާލަތުގައިވެސް 30 ބިލިއަނާ ގާތްކުރާ ވަރަށް މުސާރަ ޚަރަދުކޮށް ވަޒީފާތައް ބަހަމުން ކަމަށެވެ. މަލީހު ވަނީ އެއީ ދައުލަތް ލޫޓުވުމުގެ ގޮތުގައިވެސް ސިފަކުރައްވާފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުން ނިމިދިޔަ އަހަރު އިންޓަރެސްޓާ އެކު ދަރަނި ދެއްކުމަށް 9.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކައެވެ
އެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ދަރަނި އަނބުރާ ދައްކަން ދައުލަތުގެ ބަޖެޓުން 5.2 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެއީ، އެ އަހަރަށް ބަޖެޓުކުރި 3.8 ބިލިއަނަށްވުރެ ބިލިއަނަކަށްވުރެ ވެސް އިތުރު އަދަދެކެވެ. އަދި، އޭގެ ކުރީ 2024 ވަނަ އަހަރު ޚަރަދުކުރި 2.3 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު މިއީ 122 އިންސައްތައިގެ އިތުރުވުމެކެވެ.










