theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
މިނިސްޓަރ މޫސާ ޒަމީރު ރައީސް މުއިއްޒު އަރިހުގައި / ސޯޝަލް މީޑިއާ
ހަބަރު
ތަރައްގީއަށް ވުރެ ދަރަނި ދެއްކުމަށް ކުރި ޚަރަދު އިތުރު!
24 ޖެނުއަރީ 2026
މާލެ ސިޓީ

ތަރައްގީގެ މަޝްރޫއުތަކަށް ކުރި ޚަރަދަށް ވުރެ، ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާއި ދަރަނީގެ އިންޓްރެސްޓަށް ކުރި ޚަރަދު އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ދަރަނި އަނބުރާ ދައްކަން ދައުލަތުގެ ބަޖެޓުން 5.2 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެއީ، އެ އަހަރަށް ބަޖެޓުކުރި 3.8 ބިލިއަނަށްވުރެ ބިލިއަނަކަށްވުރެ ވެސް އިތުރު އަދަދެކެވެ. އަދި، އޭގެ ކުރީ 2024 ވަނަ އަހަރު ޚަރަދުކުރި 2.3 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު މިއީ 122 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު ލޯންތަކުގެ އިންޓްރެސްޓަށް ވެސް އެހާ ބޮޑު އަދަދެއް ދައްކަން ޖެހުނެވެ. އެ ގޮތުން، އަހަރު ނިމުންއިރު އެ ކަމަށް 4.7 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެއީ، އެކަމަކު އެ އަހަރަށް ބަޖެޓުކުރި 5.5 ބިލިއަން ރުފިޔާއަށް ވުރެ ދަށް އަދަދެކެވެ. އެކަމަކު، އޭގެ ކުރީ އަހަރާ ބަލާއިރު މިއީ 1.4 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު ސަރުކާރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ޚަރަދުކުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކަނީ 8.6 ބިލިއަން ރުފިޔާއެވެ. މަޝްރޫއުތަކަށް އެ އަހަރު 12.4 ބިލިއަން ރުފިޔާ ޚަރަދުކުރަން ސަރުކާރުން ރޭވި ނަމަވެސް އަހަރު ނިމުންއިރު އޭގެ ތެރެއިން 3.7 ބިލިއަން ރުފިޔާގައި އަތްނުލައެވެ.

އެހެންކަމުން މި ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ދަރަނި ދެއްކުމާއި އިންޓްރެސްޓަށް ޖުމުލަ 9.8 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، ރިކޯޑު އަދަދެކެވެ. އަދި އެއީ މަޝްރޫއުތަކަށް ކުރި ޚަރަދަށް ވުރެ އިތުރަށް 1.2 ބިލިއަން ރުފިޔާ އިތުރު އަދެދެކެވެ.

މިދިޔަ އަހަރު ދަރަންޏާއި އިންޓްރެސްޓަށް ކުރި ހޭދަ އިންތިހާއަށް ބޮޑުވިއިރު، މި އަހަރު އެ އަދަދުތައް ހައްތަހާ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.

ކަން މިހެން އޮތުމުން ދަރަނި ބޮޑުވެ، ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ޚަރަދުކުޑަކުރަން ރާއްޖެއަށް ލަފާދެމުން ނަމަވެސް، އެ ފަދަ ފިޔަވަޅުތައް ރާއްޖޭން އަޅާފައި ނުވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved