March 21, 2026
Advertisement
-
- / މިޑްލްއީސްޓްއައި

އިރާންގެ ދިފާއުގައި ޗައިނާ ރަޝިއާ: ތިން ގައުމުގެ އަސްކަރީ ތަމްރީންތައް ފަށަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 1, 2026, 02:37 PM
މާލެ ސިޓީ

ބައިނަލްއަގުވާމީ މައިދާނުގައި ހުޅަނގުގެ ބާރުތަކުން ކުރިމަތިކުރަމުންދާ ފިއްތުންތަކާ ދެކޮޅަށް، އިރާނުގެ ދިފާއުގައި ޗައިނާ އާއި ރަޝިއާ އިން ތެދުވެ، ތިން ގައުމު ގުޅިގެން ބާއްވާ ބޮޑު އަސްކަރީ ތަމްރީންތަކެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

Advertisement

"މެރިން ސެކިއުރިޓީ ބެލްޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ތަމްރީންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮމާން ކަނޑާއި އިންޑިއާ ކަނޑުގެ އުތުރު ސަރަހައްދުގައެވެ. މި ތަމްރީންތަކުގެ މައިގަނޑު މަގުސަދަކީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރުގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ތިން ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމެވެ.

ރަޝިއާ އާއި ޗައިނާގެ ދިފާއީ ވުޒާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ތަމްރީންތަކުގައި އެ ގައުމުތަކުގެ އެންމެ ޒަމާނީ ހަނގުރާމަމަތީ މަނަވަރުތަކާއި، ސަބްމެރިންތަކުގެ އިތުރުން ވައިގެ ސިފައިންގެ ބާރުތައް ބައިވެރިވާނެއެވެ. މިއީ އިރާނާ ދެކޮޅަށް ހުޅަނގުން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކަށް ދެވޭ ވަރުގަދަ ރައްދެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

އިރާނުގެ އަސްކަރީ ތަރުޖަމާނު ވިދާޅުވީ، މި ތަމްރީންތަކަކީ އެއްވެސް ގައުމަކަށް ބިރުދެއްކުމަށް ބާއްވާ ކަމެއް ނޫން ކަމަށާއި، ނަމަވެސް މިއީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް އިރާނާއި އެކުވެރި ބާރުގަދަ ގައުމުތަކުން ތައްޔާރަށް ތިބިކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި ޗައިނާ އާއި ރަޝިއާ ފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކުން އިރާނާއެކު މިފަދަ ތަމްރީންތަކެއް ބޭއްވުމަކީ، އިރާން އެކަހެރިކުރުމަށް ކުރެވޭ މަސައްކަތްތައް ނާކާމިޔާބުވެފައިވާކަމުގެ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ތަމްރީންތައް ފެށިގެން މިދަނީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. ހާއްސަކޮށް ސަހްޔޫނީން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، އެކަމަށް ހުޅަނގުގެ ބައެއް ގައުމުތަކުން ވާގިވެރިވަމުންދާއިރު، އިރާނާއި ޗައިނާ އަދި ރަޝިއާގެ މި ގުޅުމަކީ ދުނިޔޭގެ ބާރުގެ ތިލަފަތް ހަމަހަމަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ތަމްރީންތަކުގެ ސަބަބުން ތިން ގައުމުގެ އަސްކަރީ ގާބިލުކަން އިތުރުވެ، ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ދިފާއުވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved