theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ / އޭއެފްޕީ
ދުނިޔެ
އިންޑިއާއިން، ރަޝިއާގެ ތެލުގެ ބަދަލުގައި ދެން ބޭނުންކުރާނީ ވެނެޒުއޭލާގެ ތެޔޮކަމަށް ޓްރަމްޕު ބުނެފި
Yana Shareef
ޔާނާ ޝަރީފް
01 ފެބްރުއަރީ 2026

ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އިންޑިއާއިން، ރަޝިއާގެ ތެލުގެ ބަދަލުގައި ދެން ބޭނުންކުރާނީ ވެނެޒުއޭލާގެ ތެޔޮ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ވޮޝިންޓަނުން ފްލޮރިޑާއަށް ކުރި ދަތުރުގައި އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ، އެކަމާ ގުޅޭ އެއްބަސްވުމުގެ އަސާސީ ކަންކަން މިހާރު ނިމިފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ރަޝިއާގެ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ވެނެޒުއޭލާގެ ތެޔޮ ގަތުމުގެ ފުރުސަތު އިންޑިއާއަށް އޮތްކަން އެމެރިކާއިން ވަނީ ކުރިންވެސް ހާމަކޮށްފައެވެ. އިންޑިއާއިން ވެނެޒުއޭލާގެ ތެޔޮ ގަތުން ހުއްޓާލާފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހު، ވެނެޒުއޭލާގެ ތެޔޮ ގަންނަ ގައުމުތަކުން 25 އިންސައްތައިގެ ޓެރިފެއް ނަގަން ޓްރަމްޕް ނިންމުމާ ގުޅިގެންނެވެ.

ޓްރަމްޕް ބުނި ގޮތުގައި އިންޑިއާއިން ވެނެޒުއޭލާގެ ތެޔޮ ގަންނާނީ އީރާނުގެ ތެލުގެ ބަދަލުގައެވެ. ނަމަވެސް، އީރާނުގެ ނިއުކްލިއާ މައްސަލައިގައި އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އިންޑިއާއިން އީރާނުން ތެޔޮ ގަތުން 2019 ވަނަ އަހަރުން ފެށިގެން ވަނީ ހުއްޓާލައިފައެވެ.

އޭގެ ފަހުން އިންޑިއާއިން ބޮޑަށް ބަރޯސާވީ އެމެރިކާގެ ތެލަށެވެ. ނަމަވެސް، 2022 ވަނަ އަހަރު ރަޝިއާ އިން ޔޫކްރެއިނަށް އެރުމާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން އެޅި ފިޔަވަޅުތަކާއެކު، ތެޔޮ އަގުހެޔޮކޮށް ލިބެން ފެށުމުން އިންޑިއާ ވެގެންދިޔައީ ރަޝިއާގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމަށެވެ.

ރަޝިއާގެ ތެޔޮ ގަތުން ހުއްޓުވުމަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން، އިންޑިއާއިން އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ޓްރަމްޕް ވަނީ 50 އިންސައްތައަށް ބޮޑުކޮށްފައެވެ. ނަމަވެސް، އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުން މަދުކުރަމުންދާތީ، އެ ޑިއުޓީ ކުޑަކުރުމުގެ ފުރުސަތު އޮތްކަމަށް އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ މިދިޔަ ޖެނުއަރީ މަހު އިޝާރާތެއް ދީފައެވެ.

މީގެ އިތުރުން، އެމެރިކާ ސަރުކާރުން ވަނީ މި ހަފުތާގައި ވެނެޒުއޭލާގެ ތެޔޮ އުފައްދާ ސިނާއަތަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީފައެވެ. ޓްރަމްޕް ބުނީ، ޗައިނާއަށްވެސް އެމެރިކާ މެދުވެރިކޮށް ވެނެޒުއޭލާގެ ތެޔޮ ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved