March 20, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ޕީޕީއެމް

ފިޔޯރީ ބިން ހިއްކުމުގެ މަޝްރޫއަކީ މުއިއްޒު ޖަހާ އަނެއް ކަޑަ: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 2, 2026, 09:23 PM
މާލެ ސިޓީ

ގދ. ފިޔޯރީގައި މަސް ފެކްޓްރީއެއް އެޅުމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހު ކުރުމަކީ ރައްޔިތުންނަށް އޮޅުވާލުމަށް ހިންގާ އަމަލެއް ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ "ފްރޮންޓް އޮފީސް" ގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފިޔޯރީގައި ބިން އޮއްވައި މަސް ފެކްޓްރީ ހެދުމަށް އިތުރަށް ބިން ހިއްކަން އުޅެނީ ރައްޔިތުންނަށް ދެއްކުމަށްޓަކައި ކަމަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު އެ ރަށަށް ވަޑައިގަންނަވާތީ، އެކަމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ މިއީ ނައިބު ރައީސް ނިސްބަތްވާ ދާއިރާ "ފަޟީހަތް" ކޮށްލުން ފަދަ ކަމެއް ކަމަށެވެ.

"މި މަޝްރޫއަށް އެންމެ ލާރިއެއްވެސް ހަމަޖެހިފައެއް ނެތް. މިއީ ހަމަ ކަމެއް ކޮށްދޭ ކަމަށް ދައްކަންވެގެން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ އަމަލެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

މި މަސައްކަތަކީ މުލީގައި ކޮނެފައިވާ ސްވިމިން ޕޫލް ފަދަ "ބޮޑު ވަޅުގަނޑެއް" ހެދުން ކަހަލަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް މަކަރާއި އޮޅުވާލުން އިސްކުރައްވާ ކަމަށް ތުހުމަތު ކުރައްވަމުން ޔާމީން ވިދާޅުވީ، މިއީ "ހެޔޮ ވެރިކަމެއް" ނަމަ ދެން ހެޔޮ ވެރިކަމަކީ ކޮބައިތޯ ސުވާލު އުފެދޭ ކަމަށެވެ.

ފިޔޯރީގެ ބިން ހިއްކުމުގެ މަޝްރޫއަށް ކަޑަޖަހަން ނައިބު ރައީސް އެ ރަށަށް ވަޑައިގަންނަވާއިރު، މިކަމުން ފެންނަނީ ސަރުކާރުގެ އިޚުލާޞްތެރިކަމެއް ނެތް މިންވަރު ކަމަށްވެސް ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved