
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ ހަރުކަށި ސިޔާސަތުގެ ދަށުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މެދުއިރުމަތީގެ މަސްލަހަތު ނަގާލުމަށް އާ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. އެމެރިކާގެ މަތިންދާބޯޓު އުފުލާ ބޮޑެތި މަނަވަރުތައް އީރާނާ ކައިރި ކަނޑުގެ ސަރަހައްދުތަކުގައި ފޯރިމަރަމުންދާއިރު، އެމެރިކާގެ ސްޕެޝަލް ފޯސްތަކުން މިހާރު ވަނީ އީރާނުގެ އަވަށްޓެރި ގައުމުތަކަށް ސިއްރުން ފޯރާފައެވެ.
މި އިސްތިރާތީޖީ ރޭވުމުގެ ދަށުން، އެމެރިކާގެ ހާއްސަ ސިފައިން މިހާރު ވަނީ އަޒަރުބައިޖާންގެ ނަކްޗިވާން އަސްކަރީ ބޭސްއަށާއި، ޕާކިސްތާނުގެ ކުއެޓާގައި ހުންނަ ޕީއޭއެފް ބޭސް ސަމުންގްލީއަށް ޖައްސާފައެވެ. މި ހަރަކާތްތަކަކީ އީރާނު ވަށާލައި، އެ ގައުމުގެ މިނިވަންކަމަށް ނުރައްކާ ކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ބެލެވެއެވެ.
އެމެރިކާއިން މީގެ ކުރިން ވެނެޒުއެލާގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބާނައި، އެ ގައުމުގެ ސަރުކާރު ވައްޓާލަން ކުރި މަސައްކަތްތަކާ އެއްގޮތް ރޭވުމެއް އީރާނާ ދެކޮޅަށް ވެސް މިހާރު ވަނީ އެކުލަވާލާފައެވެ. މިކަމުގެ ސަބަބުން މުޅި ސަރަހައްދުގެ ހަމަޖެހުން ގެއްލި، ބޮޑު ހަނގުރާމައަކަށް މަގުފަހިވެގެންދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
އެމެރިކާގެ މި ނުރައްކާތެރި ފިޔަވަޅުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް، އެހެން ގައުމުތަކުގެ އިސްތިގުލާލަށް އަރައިގަތުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އިސްލާމީ ގައުމުތަކުން ސިފަކުރެއެވެ. ރައީސް ޓްރަމްޕްގެ މި ހަރުކަށި އަމަލުތަކުގެ ސަބަބުން، މެދުއިރުމަތީގައި އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވެ، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަނީ އިތުރުވެފައެވެ.










