ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީ އިންތިހާބަށް ޝަރުތުހަމަވެ ވާދަކުރާނީ 2،993 ކެންޑިޑޭޓުން ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.
އެ ކޮމިޝަނުން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ އެ ދެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ފެބްރުއަރީ 1 ވަނަ ދުވަހުގެ ހަވީރު 5:30 އަށް ހަމަވިއިރު ފޯމު ހުށަހެޅި މީހުންގެ ޖުމްލަ އަދަދަކީ 3،547 އެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 1،936 މީހުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ފޯމު ހުށަހެޅި 1،611 މީހުންނެވެ.
އޭގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޝަރުތު ހަމަވެ، އީސީއިން ކެންޑިޑެސީ ގަބޫލުކުރީ 1،610 މީހުންގެއެވެ. އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަވީ 1،383 މީހުން ކަމަަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އެ މުއްދަތު އިތުރުކޮށްދިނުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ގޮވާލި ނަމަވެސް އެކަން ކޮށްދޭން އިލެކްޝަންސް ކޮމިޝަނުން ވަނީ ދެކޮޅު ހަދާފައެވެ.
މި ފަހަރަގެ އިންތިހާބުގައި ކެންޑިޑެންސީ ބަލަގަތުން އީފާސް މެދުވެރިކޮށް އީސީއިން ހަމަޖައްސާފައި އޮތުމުން ވެސް ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން އެއީ ގާނޫނުގައި ނެތް ބާރެއް އީސީއިން އަމިއްލައަށް އުފަންކުރުވައިގެން ނިންމި ނިންމުމެއް ކަމަށްވެސް އިދިކޮޅު ސިޔާސީ ޕާޓީތަކުން ފާހަގަކޮށްފައިވެއެވެ.
އިންތިހާބުގެ ސުންގަޑި ހަމަވާން ކައިރިވިއިރު އީސީގެ ޕޯޓަލް ޑައުންވެފައިވާ ކަމަށް ގިނަ ޝަކުވާތަކެއްވެސް ހުރިއިރު އީސީއިން އެކަމަށް އިއުތިރާފުވެފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.