theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ދުނިޔެ
އީރާނުން ކަނޑުގައި ތަމްރީނުތަކެއް ގެންދާ ވާހަކަ ދޮގުކޮށްފި
Yana Shareef
ޔާނާ ޝަރީފް
02 ފެބްރުއަރީ 2026

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ކަނޑުގެ ސިފައިން ހޮރްމޫޒް ކަނޑުއޮޅީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން އުޅޭ ކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ހަބަރުތައް އީރާނުން ދޮގުކޮށްފިއެވެ

ރޮއިޓާސް ނޫސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން އީރާނުގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ، ރިވޮލިއުޝަނަރީ ގާޑްސްއިން އެ ސަރަޙައްދުގައި އަސްކަރީ ތަމްރީނެއް ބޭއްވުމުގެ އެއްވެސް ރޭވުމެއް ނެތް ކަމަށާއި، އެފަދަ ކަމެއް ރަސްމީކޮށް އިއުލާނުކޮށްފައިވެސް ނުވާނެ ކަމަށެވެ. އަދި މީޑިއާތަކުގައި ދައުރުވަމުން ދަނީ ކަމުގެ ޙަގީގަތް އޮޅޭގޮތަށް ފަތުރާފައިވާ ދޮގު ހަބަރުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އީރާނުގެ ދައުލަތުގެ މީޑިއާ، ޕްރެސް ޓީވީން ބުނީ ފެބްރުއަރީ މަހުގެ 1 އަދި 2 ވަނަ ދުވަހު ހޮރްމޫޒް ކަނޑުއޮޅީގައި ހާއްސަ އަސްކަރީ ތަމްރީނުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އީރާނުން މިކަން ދޮގުކޮށްފައި ވަނީ، މެދުއިރުމަތީގެ މަޝްރަޙު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން، އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން އާއި އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އީޔަލް ޒަމީރު މިދިޔަ ހުކުރު ދުވަހު ޕެންޓަގަންގައި ބައްދަލުކޮށް، އީރާނާ ގުޅޭގޮތުން ސިއްރު މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން، އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކާޓްޒް ވެސް ވަނީ އީޔަލް ޒަމީރާ ބައްދަލުކޮށް، ސަރަޙައްދީ މަޝްރަޙާއި އިސްރާއީލުގެ އަސްކަރިއްޔާގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ފިއްތުންތައް ކުރިމަތިކުރަމުން ގެންދާ މި ދަނޑިވަޅުގައި، އެމެރިކާއިން ވަނީ މެދުއިރުމަތީގައި އެގައުމުގެ ކަނޑުގެ ސިފައިންގެ ބާރު ގަދަކޮށް، ވައިގެ ދިފާއީ ނިޒާމުތައް ވަރުގަދަކޮށްފައެވެ. އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފިނަމަ، މުޅި ސަރަޙައްދުގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމަށް އީރާނުގެ ލީޑަޝިޕުން އިއްޔެ ވަނީ އިންޒާރު ދީފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved