March 25, 2026
Advertisement
-
- / ތޭރަ އޮންލައިން

އިންތިޚާބާ ދިމާކޮށް މުއިއްޒު ފޯޅަވަހި ކާޑު ކުޅެނީ: ރައްޔިތުން މޮޔަހެއްދުމުގެ އުކުޅެއް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 6, 2026, 03:53 AM
މާލެ ސިޓީ

ވެރިކަމަށް ދެ އަހަރު ފުރި ތިން ވަނަ އަހަރު ހިނގަމުންދާއިރު، ފޯޅަވަހި ހޯދުމުގެ ނަމުގައި ރައީސް މުއިއްޒު މޮރިޝަސްއަށް ސިޓީއެއް ފޮނުއްވުމަށް ނިންމެވި ނިންމެވުމަކީ، ކުރިއަށް އޮތް އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުރާ ކަމެއް ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

Advertisement

ފޯޅަވަހީގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ އަނބުރާ ގެންދަވަން ދިވެހި ސަރުކާރުން ނިންމެވިކަން މިހާރު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ. ނަމަވެސް، ވެރިކަމަށް އައުމުގެ ކުރިންނާއި ވެރިކަމުގެ ކުރީކޮޅު މިކަން ކުރާނެ ކަމަށް ބާރަށް ވައުދުވި ނަމަވެސް، ދެ އަހަރު ދުވަސް ފާއިތުވެ ދިޔައިރު މިކަމުގައި އެދެވޭ ފިޔަވަޅެއް ނާޅައި، އިންތިޚާބަކާ ދިމާކޮށް މި ފައިލް އަލުން ހުޅުވުމަކީ ސީދާ ސިޔާސީ މަގްސަދެއް އޮތް ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފޯޅަވަހި މޮރިޝަސްއަށް ދޫކޮށްލި ކަމަށް ބުނެ، މިހާރުގެ ރައީސް މުއިއްޒާއި، ސަރުކާރުގެ އިސްވެރިން އޭރު އެކަން ވަރަށް ބޮޑަށް ކުށްވެރިކުރެއްވިއެވެ. އަދި ވެރިކަމަށް އައުމާއެކު އެ ތަން ހޯދާނެ ކަމަށް ބުނެ ރައްޔިތުންނަށް އުއްމީދުތަކެއް ދިން ނަމަވެސް، މިހާރު މި މައްސަލަ އަލުން ނަގައިގެން އުޅެނީ އިންތިޚާބުން ނަތީޖާ ހޯދުމަށް ބޭނުންކުރާ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް ސިޔާސީ މުރާސިލުން ފާހަގަކުރެއެވެ.

ސަރުކާރުން މިކަން ކުރަނީ ގައުމީ މަސްލަހަތަށްވުރެ ބޮޑަށް، އިންތިޚާބާ ދިމާކޮށް ރައްޔިތުންގެ ޖަޒުބާތާ ކުޅެލައިގެން ވޯޓު ހޯދުމަށް ކަމަށް ބެލެވެއެވެ. ވެރިކަމަށް ދެ އަހަރު ފާއިތުވެގެން ދިޔައިރު، މީގެ ކުރިން މިކަމަށް އެއްވެސް ސަމާލުކަމެއް ނުދީ، ކުއްލިއަކަށް ސިޓީ ފޮނުވަން ނިންމުމަކީ ރައްޔިތުން "މޮޔަހައްދަން" ހިންގާ ސިޔާސީ ސްޓަންޓެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

މި މައްސަލާގައި ސަރުކާރުން ރަސްމީކޮށް ބުނެފައިވަނީ ކުރީގެ ސިޓީ ބާތިލުކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ނަމަވެސް އާންމުންގެ މެދުގައި އުފެދިފައިވާ ބޮޑު ސުވާލަކީ، މިހާ ދުވަސްވަންދެން ހިމޭނުން އޮތް މައްސަލައެއް، އޭޕްރީލް މަހުގެ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ކުއްލިއަކަށް ހަލުވިވެގެން ދިޔަ ސަބަބަކީ ކޮބައިތޯއެވެ؟

ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، މިއީ ސަރުކާރަށް ރައްޔިތުންގެ ތާއީދު ކުޑަވަމުންދާ ދަނޑިވަޅެއްގައި، ގައުމީ ލޯބީގެ ނަމުގައި ރައްޔިތުންގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލުމަށް ރައީސް މުއިއްޒު ރާވައިގެން ކުރާ ކަމެކެވެ. ފޯޅަވަހީގެ މައްސަލައަކީ ހަގީގަތުގައިވެސް ހައްލުކުރަން ބޭނުންވާ މައްސަލައެއް ނަމަ، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަސައްކަތް ނުކޮށް މަޑުކޮށްގެން ތިބީ ކީއްވެގެންތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved