
އީރާނުގެ ދާޚިލީ މަސްލަހަތު ނަގާލައި، އެ ގައުމުގައި މުޒާހަރާތައް ފެށުމަށް މަގުފަހި ކުރުމަށްޓަކައި އެމެރިކާގެ ފައިސާ ނުވަތަ ޑޮލަރު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރި ގޮތުގެ ތަފްސީލް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ހާމަކުރައްވައިފިއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިސްނަގައިގެން ހިންގި މި އަމަލުތަކަކީ އީރާނުގެ ނިޒާމު ގުޑުވާލުމަށް ސީދާ ރޭވިގެން ހިންގި ކަންކަން ކަމަށް އޭނާ ވަނީ އިއުތިރާފުވެފައެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ވިދާޅުވި ގޮތުގައި، އެމެރިކާގެ މައިގަނޑު އަމާޒަކަށްވީ އީރާނުގެ ބާޒާރުގައި ޑޮލަރުގެ ދަތިކަމެއް އުފެއްދުމެވެ. "އަޅުގަނޑުމެން އީރާނުގައި ޑޮލަރުގެ ދަތިކަމެއް އުފެއްދީ. މިއީ ވަރަށް އަވަސް ނިންމުމަކަށް އައުމަށްޓަކައި ކުރި ކަމެއް،" އޭނާ ވިދާޅުވިއެވެ.
މި ރޭވުމުގެ ނަތީޖާއެއްގެ ގޮތުން އީރާނުގެ ފައިސާގެ އަގު އިންތިހާއަށް ވެއްޓި، މިނިވަން ދުވެއްޔެއްގައި އިގްތިސާދު ހީނަރުވެގެން ދިޔައެވެ. މީގެ ސަބަބުން އެ ގައުމުގެ އިންފްލޭޝަން ކޮންޓްރޯލުން ނެއްޓި، ތަކެތީގެ އަގު އުފުލިގެން ދިޔަކަން ސެކްރެޓަރީ ފާހަގަކުރެއްވިއެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ އިތުރަށް ވިދާޅުވީ، އިގްތިސާދީ ގޮތުން ދަތިކުރުމުގެ ބޭނުމަކީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުން ކަމަށެވެ. "ނަތީޖާއެއްގެ ގޮތުން އީރާނުގެ ރައްޔިތުން މަގުމައްޗަށް ނުކުންނަތަން އަޅުގަނޑުމެންނަށް ފެނިއްޖެ،" އޭނާ ވިދާޅުވިއެވެ.
މިއީ އެހެން ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަނެ، އެ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަދެގަންނަ މިންވަރު ހާމަވެގެންދާ ކަމެކެވެ. ރައީސް ޓްރަމްޕްގެ ސަރުކާރުން އިގްތިސާދީ ހަނގުރާމައެއްގެ ޒަރީއާއިން އީރާނުގެ އާންމު ރައްޔިތުންނަށް ދަތިކޮށް، ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރިކަން މި ބަޔާންތަކުން ވަނީ ސާފުވެފައެވެ.










