
އީރާނުގެ ވެރިރަށް ތެހެރާނާ އެންމެ 300 ކިލޯމީޓަރު ދުރުގައި އޮންނަ ތުރުކުމެނިސްތާނުގެ ސަރަހައްދަކަށް އެމެރިކާގެ ވަރުގަދަ އަސްކަރީ މަތިންދާބޯޓުތަކެއް ޖައްސައިފިއެވެ.
މި އޮޕަރޭޝަނުގައި ބޭނުންކޮށްފައިވަނީ އެމެރިކާ ސިފައިންގެ ސީ-17އޭ ގްލޯބްމާސްޓާ (C-17A Globemaster) އަދި އެމްސީ-130 ސުޕަ ހަރކިއުލަސް (MC-130 Super Hercules) މަރުކާގެ ހެވީ ޓްރާންސްޕޯޓް މަތިންދާބޯޓުތަކެވެ.
މި ބޯޓުތަކަކީ ވައިގެ މަގުން ހިންގާ ހާއްސަ އޮޕަރޭޝަންތަކާއި، ޕެރަޝޫޓް މެދުވެރިކޮށް ސިފައިންނާއި މުދާ ބޭލުމުގެ އިތުރުން، ބަރު ހަތިޔާރާއި އިކުއިޕްމަންޓްތައް ހަލުވިކަމާއެކު އުފުލުމަށް ފަރުމާކޮށްފައިވާ ބޯޓުތަކެކެވެ.
މި މަތިންދާބޯޓުތައް ޖެއްސި ސީދާ ވަކި ތަނެއް ހާމަކޮށްފައި ނުވާއިރު، މިއީ އީރާނުގެ ސަރަހައްދީ ރޫހާ ގާތް ސަރަހައްދެއްގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް އިތުރުވަމުންދާ ވަގުތެއްގައި ހިނގި ކަމެކެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، މިއީ އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ގާބިލުކަން ދައްކާލުމަށާއި، ކުއްލި ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމަށް ތައްޔާރުވުމުގެ ގޮތުން ހިންގި ހަރަކާތެކެވެ.
މިކަމާ ގުޅޭގޮތުން އީރާނުންނާއި ތުރުކުމެނިސްތާނުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، އީރާނުގެ ބޯޑަރު ކައިރިއަށް އެމެރިކާގެ މިފަދަ ބަރު މަތިންދާބޯޓުތަކެއް ފޮނުވުމަކީ ސަރަހައްދީ ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.










