April 30, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެމެރިކާއިން އަނެއްކާވެސް ރަޝިއާގެ ތެޔޮ ޓޭންކަރެއް އަތުލައިގަނެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 10, 2026, 04:18 AM
މާލެ ސިޓީ

އެމެރިކާގެ އަސްކަރިއްޔާއިން ބައިނަލްއަޤްވާމީ ހަމަތަކާއި ޤާނޫނުތަކަށް ގޮންޖަހައި، ރަޝިޔާގެ އިތުރު ތެޔޮ ޓޭންކަރެއް ބާރުގެ ބޭނުންކޮށްގެން ހިފަހައްޓައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ އަސްކަރީ މަނަވަރުތަކުން ރަޝިޔާގެ މި ޓޭންކަރަށް ފާރަލައި، މެދުކެނޑުމެއްނެތި ފަހަތުން ދުއްވައި ބިރުދެއްކުމަށްފަހުގައެވެ.

Advertisement

މި ލަދުވެތި ޢަމަލާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކު ބޮޑާކަމާއެކު ބުނެފައިވަނީ، "އެ ބޯޓު ފިލަން ދުއްވައިގަތީމާ އަހަރެމެން ފަހަތުން ދިޔައީ، އަހަރެމެންނަށް އަތުލުމަށްވުރެ މާކުރިން އެމީހުންގެ ތެޔޮ ހުސްވާނެ،" މިފަދައިންނެވެ. މިއީ އެމެރިކާއިން ދުނިޔޭގެ އެހެން ޤައުމުތަކުގެ މިނިވަންކަމަށް އަރައިގަނެ، ކަނޑުފޭރުމުގެ އުސޫލުން މުދާ އަތުލަމުންދާ ކަމުގެ ސާފު ހެއްކެކެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ ރަޝިޔާއަށް ކުރިމަތިކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަމުގައި، އެމެރިކާއިން ދުނިޔޭގެ ހަކަތައިގެ ބާޒާރު ކޮންޓްރޯލްކޮށް އެހެން ޤައުމުތަކުގެ އިޤްތިޞާދަށް ގެއްލުން ދިނުމެވެ. އެމެރިކާގެ މިފަދަ އިސްތިޢުމާރީ ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މަސްރަޙުގައި ނުތަނަވަސްކަން އިތުރުވެ، ކަނޑުދަތުރުފަތުރުގެ ސަލާމަތަށް ވަނީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައެވެ.

ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އެމެރިކާއަށް އަމާޒުވަމުންދާއިރު، މިއީ އެއްވެސް ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ހިންގާފައިވާ ޢަމަލެއް ނޫން ކަމަށް މުޙައްލިލުން ބުނެއެވެ. ރަޝިޔާގެ ޚާރިޖިއްޔާއިން ވަނީ މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، ޓެރަރިޒަމްގެ ޢަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved