May 27, 2026
Advertisement
މަގުމައްޗައް ކުނި ނެރެފައި
މަގުމައްޗައް ކުނި ނެރެފައި / ސޯޝަލް މީޑިއާ

މަގުމައްޗަށް ކުނި ޖަމާކޮށްފައި ހުންނާތީ އީޕީއޭއިން ކަންބޮޑުވުން ފާޅުކޮށްފި

Aishath Naja
އައިޝަތު ނަޖާ
Mar 9, 2024, 10:18 PM
މާލެ ސިޓީ

ގޭބިސީތަކުން އުފެދޭ ކުނި ގިނަ އަދަދަކަށް މަގުމައްޗަށް ނެރެފައި ހުންނާތީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Advertisement

އީޕީއޭއިން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދިގެންދާކަމާއި، މިގޮތުން އުފެދޭ ކުނި މަގުމައްޗަށާއި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންދާކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މިހާރަކަށް އައިސް އާންމުކޮށް ގޭބިސީތަކުން އުފެދޭ ކުނިވެސް ގިނަ އަދަދަކަށް މަގުމައްޗަށް ނެރެފައި ހުންނަކަން އެ އެޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ.

މިކަމަކީ މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައް ދިމާވެ، އަދި ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއްކަން ފާހަގަކޮށް އީޕީއޭއިން ވަނީ މަގުމައްޗަށާއި ހުސްކޮށް ހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނިބުނި ނޭޅުމަށް އިލްތިމާސްކޮށްފައެވެ.

އަދި ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ކުރީބައިގައި ކުނި އުކާލެވޭނެ އިންތިޒާމު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި ގުޅުއްވައިގެން ހަމަޖެއްސެވުމަށް ވެސް ވަނީ އެދިފައެވެ.

އީޕީއޭއިން ވަނީ އެންމެހާ ފަރާތްތަކުން ވެސް ކުނި މެނޭޖުކުރުމާއިބެހޭ ގާނޫނާ އެއްގޮތަށް ކުނި މެނޭޖުކުރުމަށާއި އަދި މަގުތަކާއި، އާންމު ސަރަހައްދުތަކަށް ކުނިބުނި އުކާލުމުގެ ބަދަލުގައި އެތަންތަން ސާފުކޮށް ބޭއްވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved