February 27, 2026
Advertisement
ސިޓީ ކައުންސިލްގެ އާމްދަނީ އަހަރަކު ދެ ބިލިއަން ރުފިޔާއަށް އިތުރު ކުރެވޭނެ: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު
ސިޓީ ކައުންސިލްގެ އާމްދަނީ އަހަރަކު ދެ ބިލިއަން ރުފިޔާއަށް އިތުރު ކުރެވޭނެ: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު / ތޭރަ އޮންލައިން

ސިޓީ ކައުންސިލްގެ އާމްދަނީ އަހަރަކު ދެ ބިލިއަން ރުފިޔާއަށް އިތުރު ކުރެވޭނެ: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 26, 2026, 12:58 PM
މާލެ ސިޓީ

އޭނާގެ މޭޔަރު ކަމެއްގައި މާލެ ސިޓީ ކައުންސިލްގެ އާމްދަނީ އަހަރަކު ދެ ބިލިއަން ރުފިޔާއަށް އިތުރު ކުރެވޭނެ ކަމަށް މާލޭގެ މޭޔަރު ކަމަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ނުކުންނަވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ޒަރިޔަންދު މިފަދައިން ވިދާޅުވީ "އަދަދު" ނޫހުގެ "ކުޅިކޮށް" ޕްރޮގްރާމުގައި ބައިވެރިވެ ދެއްކެވި ވާހަކައިގައެވެ.

ޒަރިޔަންދު ވިދާޅުވީ، މާލޭ ރީސެޓުކުރަން ނުކުމެ ހުރީ ހުރި މައްސަލަތައް ނިކަން ރަގަޅަށް އެނގިހުރެ ކަމަށާ އެގޮތުން މާލޭގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމަށް ހައްލު ގެނެސްދޭނެ ކަމަށެވެ.

އޭގެ އިތުރުން  މާލެ ސިޓީގައި އެކި ހިދުމަތް ދޭ ކުންފުނިތަކުން އަތޮޅުތަކާ ގުޅިފައި އޮންނަ ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދައި، މާލޭގެ ކޮންމެ އަވަށެއްގައި ކޯޕަރޭޓިވް ސޮސައިޓީއެއް ގާއިމުކޮށް އެފަދަ ތަންތަނުން އަވަށު ތެރޭގައި ކުދިކުދި މަސައްކަތް ކޮށްގެން އާމްދަނީ ހޯދޭނެ މަގު ތަނަވަސް ކުރާނެ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލެ ސިޓީ ކައުންސިލުގައި ކޮންސަލްޓަންޓުން ގެންގުޅުމުގެ ބަދަލުގައި ކައުންސިލް ހިންގާނީ ލާމަރުކަޒީ އިންތިޒާމުގެ ތެރެއިން ކަމަށާއި ކޮންމެ އަވަށެއްގެ އަވަށު ކޮމިޓީ އުފައްދާނެ ކަމަށެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި މާލޭ މަގުތަކުގައި އެޅި ހޮޅިތައް މޭޔަރުކަމާ ހަވާލުވާތާ ތިން އަހަރު ތެރޭގައި މުޅި މާލެއިން ނަގައި ހުސްކުރާނެ ކަމަށް ވެސް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.

ޒަރިޔަންދު ވިދާޅުވީ އޭނާގެ މޭޔަރު ކަމެއްގައި މާލެ ސިޓީ ކައުންސިލްގެ އާމްދަނީ އަހަރަކު ދެ ބިލިއަން ރުފިޔާއަށް އިތުރު ކުރެވޭނެ ކަމަށެވެ. އެގޮތުން ގާއިމުކުރާ ޕާކިން އިން އެކަނިވެސް 200 މިލިއަން ރުފިޔާ ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލާ ހަވާލުކުރެވިފައިވާ ބިންތަކުގެ އަސްލު އަގު ދެނެގަނެ، ބިންތަކަށް ހަމަ އަގު ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޒަރިޔަންދު ވިދާޅުވީ ކައުންސިލް ތެރޭގައި ކޮރަޝްނަށް މަގުފަހިވާ ހުރިހާ ކަމެއް ހިފައިގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ދާނީ އޭނާ ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ، ތަރައްގީއަކީ ލާމެހިފައި އޮންނަ ކަމެއް ކަމަށާ އެއް ކަމެއް ރަނގަޅުކޮށްފައި އަނެއް ކަމަކަށް ދާންޖެހޭނެ ކަމަށެވެ. އެހެންކަމުން އޭނާ އުޅެނީ ގަތާލާފައި އިންނަ ޖޯލިފައްޗެއްހެން މުޅި މާލެ ފަސް އަހަރަށް ގަތާލައިގެން ތަރައްގީކުރަން ކަމަށް ވެސް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved