
އޭނާގެ މޭޔަރުކަމެއްގެ ﷲގެ އިރާދަފުޅުން ބޯހިޔާވަހިކަމާ އިޖުތިމާއީ ރައްކާތެރިކަމަށް ސިޓީ ކައުންސިލްގައި ޚާއްސަ ޑިޕާޓުމަންޓެއް ހުންނާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް ނުކުންނަވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
އޭނާ ކުރިއަށް ގެންދާ "ޓޯކްސް ވިތު ޒަރިޔަންދު" ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، ބޯހިޔާވަހިކަމަށް އެދި އާދޭސްކޮށް ފޯމު ނުފުރިގެން ޕާޓީތަކުގެ އޮފީސްތަކަށް ގޮސް ރޮއި ސަލާން ޖަހަން ޖެހޭ ޖެހުން ނިމުމަކަށް ގެންނާނެ ކަމަށެވެ.
އެގޮތުން އޭނާގެ މޭޔަރުކަމެއްގައި ބޯހިޔާވަހިކަމާ އިޖުތިމާއީ ރައްކާތެރިކަމަށް ޚާއްސަ ޑިޕާޓުމަންޓެއް ސިޓީ ކައުންސިލް ތެރޭގައި ގާއިމުކޮށް ރައްޔިތުންނަށް އެތަނުން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަ ޖައްސާނެ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ
ޒަރިޔަންދު މީގެ ކުރިންވެސް ވަނީ އޭނާއަކީ އެއްވެސް ސިޔާސީ ކުލައެއްގެ މީހެއް ނޫން ކަމަށާ އޭނާއަކީ ރައްޔިތުންގެ މީހެއްކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ ނަޒަރުގައި އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ދިވެހި ރައްޔިތުން ކަމަށާ އެހެންކަމުން ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރަން އޭނާ ނުކުތީ މިނިވަންކަމާއެކު ސިޔާސީ ނުފޫޒުން އެއްކިބާވެ ހުރެގެން ކަމަށް ވެސް ޒަރިޔަންދު ވަނީ ކުރިން ވިދާޅުވެފައެވެ.










