
ހައުސިން މިނިސްޓްރީއާ މާލެ ސިޓި ކައުންސިލްގެ ބައެއް ލިޔެކިޔުންތައް ރައްކާކޮށްފައި ކުރިން ހުރި އިމާރާތް ކަމަށްވާ ގްރީނު ބިލްޑިން އަންދާ އަޅިއަށް ހެދި ނަމަވެސް މާލެ ސިޓީ ކައުންސިލްގެ ތެރެއިން ހންގާފައި ހުރި ކޮރަޕްޝަންތައް ނުފޮރުވޭނެ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވަނީ، ކައުންސިލުގެ އިދާރީ އޮނިގަނޑުގައި ނުހިމެނޭ އަދި ސިވިލް ސާވިސް ކޮމިޝަނުގެ ހުއްދައެއް ނެތް މަގާމުތަކެއް އުފައްދައި، އެ މަގާމުތަކަށް ނ. އަތޮޅު ކައުންސިލުން މުސާރަ ދީފައިވަނީ ހާޒިރީ ރަނގަޅަށް ބެލެހެއްޓުމެއް ނެތިކަން 2023ވަނަ އަހަރުގެ އޮޑިޓް ރިޕޯޓެއްގައި ހާމަކޮށްފައިވާ ކަަމަށް ބުނާ ޚަބަރެއްގެ ސްކްރީން ޝޮޓު ހިއްސާ ކުރައްވާފައެވެ.
އެކަމަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވެފައިވަނީ ރާއްޖޭގެ އޮޑިޓު އޮފީހަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވަނީ އެ ސަބަބުތަކާ ހުރެ ކަމަށެވެ. އެގޮތުން ނޫނު އަތޮޅު ކައުންސިލް އޮޑިޓު ކުރަން ޖެހޭ ކަމަށާ އޭގެ ކުރިން އޮޑިޓު ކުރަން ޖެހެނީ މާލެ ސިޓި ކައުންސިލް ކަމަށް މަލީހު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ، މާލެ ސިޓީ ކައުންސިލަކީ ކޮރަޕްޝަނެއްގެ ހާއްޔެއް ކަމަށާ މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އެތަނުގައި ކޮރަަޕްޝަން އޮތީ އެންމެ އުހުގައި ކަމަށެވެ. އެހެންކަމުން އެ ޖަރީމާތައް ގްރީން ބިލްޑިން އަންދާލި ނަމަވެސް ނުފޮރުވޭނެ ކަމަށާ އެކަންކަން ހާމަވާނެ ދުވަހެއް އަންނާނެ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.










