
ސަހްޔޫނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރުމަށް ވޮޝިންޓަނަށް ދިއުމަށް ތައްޔާރުވާން ފަށައިފިއެވެ.
މި ދަތުރުގެ އެންމެ ބޮޑު ބޭނުމަކީ އީރާނާ ދެކޮޅަށް ވަރުގަދަ ރޭވުންތަކެއް ރޭވުމާއި، އެ ގައުމާ ދެކޮޅަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަތަންޔާހޫ ވިދާޅުވެފައިވަނީ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވޭނެ "ފުރަތަމަ އަދި އެންމެ އިސް" މައުޟޫއަކީ އީރާނުގެ ނުރައްކަލުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން ކަމަށެވެ. މީގެ އިތުރުން، އީރާނުގެ ނިއުކްލިއަރ މަޝްރޫއު ހުއްޓުވުމާއި، މެދުއިރުމަތީގައި އެ ގައުމުން ފަތުރަމުންދާ ނުފޫޒު ކުޑަކުރުމަށް އެމެރިކާގެ އާ ސަރުކާރާއެކު ގާތުން މަސައްކަތް ކުރުމަށް އޭނާ ބޭނުންވެއެވެ.
އައިސީސީން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ނެރުނީ ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅިގެންނެވެ. ނަމަވެސް، މި އަމުރަށް ގޮންޖަހައި އޭނާ އެމެރިކާއަށް ދަތުރުކުރަނީ، ޓްރަމްޕްގެ ވެރިކަމުގައި ސަހްޔޫނީންނަށް ލިބޭނެ ފުރިހަމަ ތާއީދުގެ ބޭނުން ހިފައިގެން، އިސްލާމީ ގައުމުތަކާ ދެކޮޅަށް އިތުރު ރޭވުންތައް ރޭވުމަށެވެ.
މި ދަތުރުގައި ނަތަންޔާހޫ އާއި ޓްރަމްޕް ބައްދަލުކުރައްވާއިރު، އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމާއި، އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދިނުމުގެ ފުރުސަތުތަކާ މެދުވެސް ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެއެވެ. މިއީ މުޅި ސަރަހައްދުގެ ހަމަޖެހުން ނަގާލައި، އިސްލާމީ އުންމަތަށް އިތުރު ނުރައްކާތަކެއް ކުރިމަތިކުރުވުމަށް ސަހްޔޫނީން ހިންގާ ނުރައްކާތެރި ހަރަކާތެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.










