ސެކިއުރިޓީތަކުގެ އައުޓްސްޓޭންޑިން 100 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށް ދައުލަތުގެ ހިސާބުތަކުން ދައްކައިފިއެވެ.
މިކަން ހާމަވެފައިވަނީ، ފިނޭންސުން އާންމުކޮށްފައިވާ ގަވަމަންޓް ސެކިއުރިޓީސް އައުޓްސްޓޭންޑިންގެ އެންމެ ފަހުގެ އަދާހަމަތަކުންނެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ މަސް ނިމުނުއިރު އެތެރޭގެ ބާޒާރާއި ބޭރުގެ ބާޒާރަށް ވިއްކާފައިވާ ސެކިއުރިޓީތަކުގެ ދަރަނި ވަނީ 100.4 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ދަރަނީގެ 90 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް އެއީ އެތެރޭގެ ބާޒާރަށް ވިއްކާފައިވާ ޓީބިލުތަކާއި ބޮންޑުތަކާއި އިސްލާމިކް އިންސްޓްރޫމަންޓުތަކަށް ދައްކަން ޖެހޭ ފައިސާއެވެ. އެ އަދަދު މިހާރު ހުރީ 91.1 ބިލިއަން ރުފިޔާގައެވެ.
ބޭރުގެ ސެކިއުރިޓީސް ދަރަނީގައި ހިމެނެނީ މި ފަހުން ރޯލްއޯވާ ކުރި އަބޫ ދާބީ ފަންޑުގެ 100 މިލިއަން ޑޮލަރުގެ ބޮންޑާއި އޭޕްރިލްގައި ދައްކަން ޖެހޭ ސުކޫކުގެ 500 މިލިއަން ޑޮލަރެވެ. މި ބޮންޑާއި ސުކޫކު ހިމަނައިގެން ބޭރުގެ ސެކިއުރިޓީސް ދަރަނި ހުރީ 9.2 ބިލިއަން ރުފިޔާގައެވެ.
ސަރުކާރުގެ ސެކުއިރިޓީސް ދަރަނިތަކުގެ ތެރޭގައި ހިމެނެނީ،
ރުފިޔާ ޓީބިލު - 41.1 ބިލިއަން ރުފިޔާ
ޑޮލަރު ޓީބިލު - 6.4 ބިލިއަން ރުފިޔާ
އިސްލާމިކް އިންސްޓްރޫމަންޓްތަކަށް - 5.3 ބިލިއަން ރުފިޔާ
ރުފިޔާ ބޮންޑު - 28 ބިލިއަން ރުފިޔާ
ޑޮލަރު ބޮންޑު - 10.2 ބިލިއަން ރުފިޔާ
ބޭރުގެ އިންސްޓްރޫމަންޓުތަކަށް - 9.2 ބިލިއަން ރުފިޔާއެވެ.
މި ދައުރު ފެށުނީއްސުރެ އަދަދުތަކަށް ބަދަލު އައިސްފައިނުވާކަމާ ބަދަލު އައިސްފައި ނުވަނީ، މި ސަރުކާރުން ބޭރުގެ ބާޒާރަށް އެއްވެސް ސެކިއުރިޓީއެއް ވިއްކާފައި ނުވާތީކަމަށް ވެއެވެ. ނަމަވެސް ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވުން އިތުރުވެފައިވާތީ އެ ތާރީހުން ފެށިގެން މިއަދާ ހަމައަށް މިވީ މުއްދަތުގެ ތެރޭގައި އެތެރޭގެ ދަރަނި ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އަދަދުތަކުން ދައްކައެވެ. އެގޮތުން އެތެރޭގެ ބާޒާރުން ނެގި އަދަދު 23 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރެވެއެވެ.
ބޭރުގެ ލޯނުތަކާއި ގެރެންޓީ ދީފައިވާ ލޯނުތައް ހިމަނައިގެން ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 158 ބިލިއަން ރުފިޔާއެވެ.