ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން "ފްރޮންޓް އޮފީސް" ޖަލްސާއެއް މިރޭ ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
މިރޭ 20:45 ގައި އެ ޕާޓީގެ އޮފީހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި،ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީއެންއެފް އިން މައުލޫމާތު ދެއެވެ. ރައީސް ޔާމީންގެ އިތުރުން އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ޕީއެންއެފް އިން ބުނި ގޮތުގައި މިފަދަ ޖަލްސާތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރައީސް މުއިއްޒުގެ ސަރުކާރު ޒިންމާދާރުކުރުވުމާއި، ގައުމުގެ ކަންކަން ހިނގަމުންދާ ގޮތުގެ ހަގީގީ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި ސަރުކާރުން ހާމަނުކުރާ ކަންކަމާއި ގައުމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަކީ ވެސް މި ޖަލްސާތަކުގެ މުހިންމު ބޭނުމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންއެފް އިން ބާއްވަމުންދާ މި ޖަލްސާތަކަށް އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދެއެވެ. ހާއްސަކޮށް ސޯޝަލް މީޑިއާ އާއި އެކި ވަސީލަތްތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ބަޔަކު މި ޖަލްސާތައް ބަލައި، ޝުއޫރު ފާޅުކުރަމުންދާކަން ފާހަގަކުރެއެވެ.