
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅުވައި ރައީސް މުއިއްޒަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައި، މުއިއްޒުގެ ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުން ތެދުވުމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ގޮވާލައްވައިފިއެވެ.
ސޯޝަލް މީޑިއާގައި މަލީހް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭޕްރީލް 04 ވަނަ ދުވަހު ބާއްވާ އިންތިޚާބަކީ ރައީސް މުއިއްޒުގެ ކޮރަޕްޝަނާ ދެކޮޅަށް ދޭ ވޯޓަކަށް ހަދަންޖެހޭ ކަމަށެވެ. މަލީހް ސިފަކުރެއްވި ގޮތުގައި ރައީސް މުއިއްޒުގެ "ލޯގޯ" އަކީ ވައްކަމެވެ. އަދި އެކަމަށް އެއްވެސް ފުރުސަތެއް ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަލީހް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒަކީ ސިޔާސީ ޕާޓީއެއް "ފޭރިގަނެގެން" ހުންނެވި "ޕައިރެޓެއް" ކަމަށެވެ. މުއިއްޒާއި އެއްވެސް ގޮތަކަށް ކައިރިވުމަކީ ހެޔޮވާނެ ކަމެއް ނޫން ކަމަށްވެސް މަލީހް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ސަރުކާރު ވެރިކަމަށް ގެނައުމަށް އެއްވެސް މަސައްކަތެއް ނުކުރާ ބައެއް ފަރާތްތަކުން މިއަދު ސަރުކާރަށް ސަނާ ކިޔަމުންދާ ދިއުމަށްވެސް މަލީހް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެއީ އަމިއްލަ އެދުމެއް އޮތުމުން ކުރާ ދަށުދަރަޖައިގެ އަމަލެއް ކަމަށާއި، އެއީ ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މަޖިލިސް އިންތިޚާބުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި، އިދިކޮޅު ފަރާތްތަކުންނާއި ކުރިން ސަރުކާރަށް ތާއީދުކުރި ބައެއް ފަރާތްތަކުން ދަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.









