April 14, 2026
Advertisement
ޤައުމީ ކެންޑިޑޭޓު، އިސްމާއިލް ޒަރިޔަންދު
ޤައުމީ ކެންޑިޑޭޓު، އިސްމާއިލް ޒަރިޔަންދު / ތޭރަ އޮންލައިން

މަގުމައްޗަށް ކުނި ގިނަވަނީ ރައްޔިތުންނަށް މަޖުބޫރުވެގެން، ވެމްކޯގެ އަގުތައް ކޮންޓްރޯލް ކުރަންޖެހޭ: ޤައުމީ ކެންޑިޑޭޓު ޒަރިޔަންދު

Yana Shareef
ޔާނާ ޝަރީފް
Feb 15, 2026, 12:05 AM

ރަމަޟާން މަހާ ދިމާކޮށް މާލޭގެ މަގުތަކަށް ކުނި ގިނަވަމުންދާ މައްސަލާގައި މާލޭގެ މޭޔަރުކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Advertisement

ޒަރިޔަންދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަގުމައްޗަށް ކުނި ގިނަވުމަކީ ރައްޔިތުންގެ ހާލަތަށް މަޖުބޫރުކުރުވައިގެން ހިނގާ ކަމެއް ކަމަށެވެ. އަދި ވެމްކޯއިން ކުނި އުކާލުމަށް ކަނޑައަޅާފައިވާ އަގުތަކަކީ އާންމު މެދުފަންތީގެ އާއިލާއަކަށް އަތްފޯރާ ފަށުގައި ހުރި އަގުތަކެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި އަގުތައް ކޮންޓްރޯލްކުރުމަށްޓަކައި ސިޓީ ކައުންސިލަށް ލިބިފައިވާ ގާނޫނީ އިޚްތިޔާރުގެ ބޭނުން ހިފަންޖެހޭ ކަމަށްވެސް ޒަރިޔަންދު ވިދާޅުވިއެވެ. އޭނާގެ ވާހަކައިގައި ބާރުއަޅުއްވާފައިވަނީ ރައްޔިތުންނަށް ދިމާވެފައިވާ މި ދަތިތަކަށް ހައްލެއް ހޯދުމުގައި ކައުންސިލްގެ ދައުރު މިއަށްވުރެ ފުޅާކުރަންޖެހޭ ކަމަށެވެ.

ޒަރިޔަންދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަމަޟާން މަހަކީ އާންމު ގޮތެއްގައި ގޭބިސީތަކުން ގިނަ އަދަދަކަށް ކުނި ނެރޭ މަހަކަށް ވާއިރު، މި ދަނޑިވަޅުގައި ކުނި އުކާލުމުގެ ނިޒާމު މިހާރަށްވުރެ ލުއިފަސޭހަވާންޖެހެއެވެ. ނަމަވެސް، ޚިދުމަތުގެ އަގު ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކަށް އެ ހިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހި، އޭގެ ނަތީޖާއެއްގެ ގޮތުން މާލޭގެ މަގުތަކުގެ ސާފުތާހިރުކަން ގެއްލިގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސިޓީ ކައުންސިލަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭންޖެހޭ މުއައްސަސާއަކަށް ވާއިރު، މިފަދަ އިޖުތިމާއީ މައްސަލަތަކުގައި ކައުންސިލުން މިއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، އަގުތައް މުރާޖާކުރުމަށް ބާރުއަޅަންޖެހޭނެކަމަށްވެސް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved